6700 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވޭ, ބިލަށް ބަދަލުގެންނަންޖެހޭ ޝަކުވާއެއް ނެތް: ސްޓެލްކޯ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 8ސ
6700 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވޭ, ބިލަށް ބަދަލުގެންނަންޖެހޭ ޝަކުވާއެއް ނެތް: ސްޓެލްކޯ

ކަރަންޓު ބިލްތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިހާތާނަށް 6700 އަށް ވުރެ ގިނަ ޝަކުވާ ހުށަހަޅާފައިވާކަމަށާއި އެހެން ނަމަވެސް ބިލަށް ބަދަލުގެންނަންޖެހޭ ޝަކުވާއެއް ނެތްކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ، ކަރަންޓު ބިލުތަކާއި ގުޅޭގޮތުން ކަސްޓަމަރުންނަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި 6،795 ޝަކުވާއެއް ކަސްޓަމަރުން މިހާތަނަށް ހުށަހަޅާފައިވާކަމަށެވެ. މީގެ ތެރޭގައި 659 ފޯނު ކޯލު ހިމެނޭ އިރު އެހުރިހާ ކޯލްތަކަށްވެސް ޖަވާބުދީފައިވާ ކަމަށެވެ.

މިކަމާގުޅިގެން ސްޓެލްކޯގެ އޮފިޝަލަކު މިއަދު ނޫހަށް ވިދާޅުވީ މައްސަލަދިމާވެގެން އުޅެނީ ރޯދަމަހު ދިން ޑިސްކައުން ބިލްތަކުގެ އަދަދާއި، ފަހުން އަސްލުއަގަށް ގޭބިސީތަކަށް ފޮނުވި ބިލުތަށް އަޅާކިއުމުން ކަމަށެވެ. އެހެންނަމަވެސް ހަތްހާހާ ކައިރިކުރާ ޝަކުވާ ހުށަހަޅާފައިވާއިރުވެސް ބިލަށް ބަދަލުގެންނަން ޖެހޭ ޝަކުވާއެއް ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ކަރަންޓު ބިލްތަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާއާއި އެކު ސްޓެލްކޯއިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ޝަކުވާ ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް ކަސްޓަމަރ ސާވިސް އެންޑް ބިލްޑިންގގެ ނަމްބަރު 7788438 އަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުވޭނެ އިންތިޒާމް ހަމަޖެއްސާފައެވެ. އަދި [email protected] އީމެއިލްގެ ޒަރީއާއިން ވެސް ޝަކުވާ ހުށަހެޅޭނެ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

 

މިއަދު އޮންލައިން