އިޚްލާޞްތެރިކަމާއެކު އަލުކަމަށް ކުރިމަތިލުން
ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވޭ،
--- " މި ބިންނަތީގަ ﷲ ޢައްޒަވަޖައްލަ އަޅުކަން ކުރުމަށްޓަކައި މާތް ﷲ އެއްކައުވަންތަ ކުރުމަށްޓަކައި މި ބިންމަތީގައި ޤާއިމް ކުރެވުނު އެންމެ ފުރަތަމަ ގެކޮޅަކީ އެއީ މައްކާގައި އެވާ ކަޢުބަތުﷲ ގެފުޅެވެ. އެ ގެފުޅު އެތަނުގަ ބިނާ ކުރެވިގެންވަނީ --- ޢާލަމްތަކަށް އޮތް ޙިދާޔަތެއްގެ ގޮތުގައެވެ. ބަރަކާތްތެރި ތަނެއްގެ ގޮތުގައެވެ. އަދި އެތަނުގެ ވަށައިގެން ވެއޭ ﷲ ޢައްޒަވަޖައްލަ ލައްވާފައިވާ ހެކިތައް. --- ބަޔާންވެގެންވާ ހެކިތަކެއް އެތަނުގަ މާތް ﷲ ލައްވާފައިވެއެވެ. --- އަބްރާޙީމް ޢަލައިހިއް ސަލާމްގެ މަޤާމްފުޅު އެތަނުގައި ވެއެވެ."
އެ މަޤާމުފުޅުގެ ވާހަކަ މި އާޔަތުގައި ﷲ ޢައްޒަވަޖައްލަ ޚާއްސަ ކުރައްވާފައި މިވަނީ އެ މަޤާމުގެ މުޙިއްމު ކަމުން. ނަބީ ބޭކަލުންގެ ތެރެއިން ތަޢުޙީދުގެ ދަޢުލަތު އުފުއްލެވި ވަރަށް ވަރުގަދަ ނަބީ ބޭކަލެއް އިބްރާޙީމް ޢަލައިހިއް ސަލާމްއަކީ. އެއްވެސް ނަބީ ބޭކަލަކަށް މާތް ﷲ ޢައްޒަވަޖައްލަ ކީރިތި ޤުރުއާނުގައި ތަޢުރީފުގެ ބަސް ވަޙީކުރައްވާފައިވާ ނުވާހަ ގިނަ މިންވަރަށް ޞައްޔިދިނާ އިބްރާޙީމް ޢަލައިހިއް ސަލާމްއާ ބެހޭގޮތުން ﷲ ޢައްޒަވަޖައްލަ ތަޢުރީފާއި މަދަޙައިގެ ބަސްފުޅުތައް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ.
ﷲ ވަޙީ ކުރައްވާފައިވަނީ:
--- " މި މަސްޖިދުލް ޙަރާމް އަށް ވަދެއްޖެ މީހަކަށް ﷲ ޢައްޒަވަޖައްލަ އަމާންކަން ދެއްވާފައިވޭ."
އެހެންވީމާ ޢިއްޒަތްތެރި އަޚުންނާއި އުޚްތުން، އަޅުގަނޑުމެންގެ މި ދަތުރު މީ ވަރަށްވެސް މާތް ބަރަކާތްތެރި ދަތުރެއް. މި ދަތުރުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަން ޖެހޭނެ. އެންމެ ފުރަތަމަ ކަމަކީ މި އަޅުކަމަކީ މީ އިޚްލާސްތެރިކަމާ އެކުގައި ﷲ ޢައްޒަވަޖައްލަ އަށްޓަކައި ޚާލިސްކޮށް ކުރެވޭ އަޅުކަމަކަށް ހަދަންޖެހޭ. އެއްވެސް ދެއްކުންތެރިކަމެއް މި އަޅުކަމުގެތެރޭގައި ބާއްވައިގެން ނުވާނެ.
--- ތިމަން މި އަޅުކަން ކުރަނީ ޚާލިސްކަމާއެކުގައި ﷲ އަށް ޓަކައިކަން، ޢަޒުމާއެކުގައި ކަނޑައަޅަންޖެޙޭ. އިޚްލާސްތެރިކަމާއެކުގައި އަދާކުރެވޭ އަޅުކަމަކަށް މި އަޅުކަން ވާންޖެހޭނެ.
2 ސުންނަތުގެ ބޭރުން ކުރާ ކަންތައްތައް ފެންނާނެ- ނަމަނަމަ އެއިން ކަމެއް ނުކުރާތި!
ދެވަނަ ކަމަކީ މި އަޅުކަން އަދާކުރާއިރުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާވާންޖެހޭނެ. އަޅުކަމެއް ﷲ ގެ ޙަޒްރަތުގައި ޤަބޫލު ކުރެއްވުމުގެ 2 ޝަރުތެއް މި އޮންނަނީ. ފުރަތަމަ ކަމަކީ އަޅުކަން އަދާކުރުމުގައި އިޚްލާސްތެރިވުން، ދެވަނަ ކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެ އަޅުކަމެއް އަދާކުރެއްވުމަށް އިރުޝާރު ދެއްވާފައިވާ ގޮތަށް އެ އަޅުކަމެއް އަދާ ކުރެވޭތޯ މަސެއްކަތް ކުރުން.
އެހެންވީމަ، ޙައްޖުގެ އަޅުކަން އަދާކުރައްވަމުން އަޞްޙާބު ބޭކަލުންނާއި އެކުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ:
--- " ތިމަންކަލޭގެފާނު މި ޙައްޖުގެ އަޅުކަން އަދާކުރައްވަމުން މި ގެންދަވާ ގޮތަށް މި ނަމޫނާ ދައްކަވަމުން ގެންދަވާ ގޮތަށް ތިޔަބައިމީހުން ޙައްޖުގެ އަޅުކަން އަދާކުރާށެވެ."
އެހެންވީމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތާއި އެއްގޮތްވާގޮތުގެ މަތިން އަޅުގަނޑުމެން މިކަން ކުރިއަށް ގެންދަން ޖެހޭނީ. މައްކާގެ ޙަރަމްފުޅުގައި ތިޔަބޭފުޅުން ނަމާދުކުރަމުން ގެންދަވާ އިރުގައި، ނުވަތަ ޠަވާފް ކުރަމުން ގެންދަވާ އިރުގައި ތިޔަބޭފުޅުންނަށް ފެންނާނެ އެހެން ބައެއް ޤައުމުތަކުގެ މީހުން ކަންތައްކުރާ މަންޒަރު. އެއިން މަންޒަރަކަށް ތަބާވެގެން ތިޔަބޭފުޅުންގެ އަޅުކަމުގެ ކަންކަން ހަލާކު ކޮށްލައިގެން ނުވާނެ. ތަންތާގަ އަތް ހާކާ ހަށިގަނޑުގަ އުނގުޅާ، މިކަހަލަ ކަންތައްތައް ކުރާތަން ފެންނާނެ، ފެނިދާނެ. އެކަމަކު އެއީ އެކަން ކުރަން އޮންނަ ރަނގަޅު ގޮތެއް ނޫން.
ޠަވާފްގައި ދުޢާކުރުން:
ޠަވާފް ކުރަމުން ދާއިރުގަ ތިބޭފުޅުންނަށް ކޮންމެ ދުޢާއެއްވެސް ކިއިދާނެ. ރުކުނުއްޔަމާނީން ފެށިގެން ޙަޖަރުލްއަސްވަދާ ދެމެދުގައި ސުންނަތް ވެގެންވާ ވަކި ޚާއްސަ ދުޢާއެއް އޮވޭ (ދުޢާ) މި ދުޢާ. އެހެން ނޫނިއްޔާމު ހަމަ ކޮންމެ ދުޢާއެއްވެސް ކިއިދާނެ. ބައެއް ބޭފުޅުން ކޮންމެ، ޠަވާފް ކޮންމެ ބުރަކަށް ވަކި ޚާއްސަ ދުޢާއެއް އޮންނަ ފޮތްތައް ގެންގުޅޭ. އެކަމު ކޮންމެ ބުރަކަށް ވަކި ޚާއްސަ ދުޢާއެއް، އެގޮތަށް ސުންނަތުން ސާބިތުވެފައެއް ނޯވޭ. އެކަމަކު މާނަ ރަނގަޅު ދުޢާއެއް ވިއްޔާ ކިއިދާނެ. އެކަމަކު އެމީހާގެ ތިންވަނަ ބުރު އެ ކިޔަން އޮންނަ ދުޢާ ނުކިއިއްޖެއްޔާމު ދެން ޠަވާފު ހަލާކުވީކަމަށް ބަލައިގެނ ދެން އެކަމުގެ މައްޗަށް ހިތާމަ ކުރާކަށް، ބައެއް ބޭފުޅުން ހިތާމަ ކުރާތަން ފެނޭ. އެހެންމަ އެ ދުޢާފޮތާ އޮޅުލަން ހަދައިގެން ރަގަޅަށް ޠަވާފު ނުކުރެވިވެސްދޭ. އެފަދަ ހާލަތަށް ގޮސްގެން ނުވާނެ. ވަރަށް ލުއިފަސޭހަކަމާއި އެކުގައި އިޚްލާސްތެރިކަމާއި އެކުގައި އިންޝާﷲ މި އަޅުކަން އަދާކުރެވޭތޯ އަޅުގަނޑުމެން މަސެއްކަތްކުރަން ޖެހޭނެ.
ތަކްލީފް އުފުލަންޖެހުނަސް ކެތްތެރިވާތި!:
ދެން އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ އަޅުގަނޑަށް ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖްމަންޓާދޭތެރޭގަ. ކިތަންމެ ރަނގަޅަށް، ކިތަންމެ ފުރިހަމައަށް ކަންކަން ލިޔުމުން އިންތިޒާމްކޮށް ތަރުތީބު ކޮށްފަ ވީނަމަވެސް ޙައްޖުފަދަ ބޮޑު ވަރުގަދަ އޮޕަރޭޝަން އެއްގެ ތެރޭގައި އެންމެ ބޭނުން ނުވާ ގޮތަކަށް ކަމެއް ދިމާވެދާނެ. އެއީ އަޅުގަނޑުމެންގެ ތަޖުރިބާ، ކަމެއް ދިމާވެދާނެ. ބަސް ދަތުރު ކުރަން އޮންނަ ގަޑިއަށް ލަސްވެދާނެ. ބަސް ނައިސް ލަސްވެދާނެ. ދާންޖެހޭ މަންޒިލް ނޫން އެހެން ތަނަކަށް
ފުރަތަމަ ދެވިދާނެ. ޓްރެފިކް ވަރަށް ބޮޑުވެދާނެ. އެތައް މިލިއަން މީހުން އެއްތަނަކަށް އެއްވާ ތަނެއްގެ ވާހަކަ އަޅުގަނޑުމިދައްކަނީ. އެހެންވީމަ އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ދެން މީހާ ޙައްޖު ހަލާކުވާވަރަށް ވެރިންނަށް އެއްޗެތި ކިޔައި އެހިސާބަށް ކަންކަން ފޮނުވައިގެން ނުވާނެ. އެހެންވީމަ މި އޮންނަނީވެސް މީ ވަރަށް ކެއްތެރިވާން ޖެހޭ ކަމެއް.
ކުޅަދާނަކަން ލިބިގެންވާ މީހާޔަށް މިކަމުގައި ﷲ ވާޖިބު ކުރައްވާފައި މި ވަނީވެސް ވަރަށް ބޮޑު ޙިކުމަތްތަކެއް އޭގައި އޮތީމަ. ތިމަންނާ މިދަނީ ވަރަށް ބަރަކާތްތެރި ދަތުރަކަށްކަން، ތިމަންނާ މިދަނީ ﷲ އަށް އިޖާބަދެމޭ ބުނެ --- އޭ ބުނެ އިޖާބަދެމުންކަން، ތިމަންނަމި އިޙްރާމުގައި ހުރެ މަރުވެއްޖެނަމަ ތިމާ މޫނު ނުފޮރުވާ އިހްރާމްގައި އޮވެގެންކަން ތިމާ ވަޅުލެވެނީ، ތިމާ މަޙްޝަރު ކުރެއްވެނީ އެ އިޙްރާމްގައި ތަލްބިޔާ ކިޔަމުންކަން ތިމާގެ ހިތައް ގެނެސް މި މުޙިއްމު އަޅުކަމުގެ މަތިވެރިކަމާއި ﷲ ގެ ޖަލާލުވަންތަކަން ހިތައް ގެނެސް މި ދަތުރަށް އަޅުގަނޑުމެން ތެދުވަންވީ. މައްކާގައި ހޭދަކުރާ ދުވަސްވަރުގައި އަޅުގަނޑުމެންގެ މުޅި އުމުރުގައި އެއްކުރާ ލާރިކޮޅު، ތިޔަބޭފުޅުން ނުހަނު ބޮޑު ޤުރުބާނީވެގެން މަސެއްކަތް ކޮށްގެން މައްކާއަށް މިދަނީ ޙައްޖުގެ އަޅުކަން އަދާކުރަން. އެ ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭ.
ތަޙްލޫންގެ ވަގުތުގައި މަސްޖިދުލް ޙަރާމްގައި އެ އަމާންކަން ލިބިގެންވާ މަޤާމުގައި ﷲ ޢައްޒަވަޖައްލަ ވަޙީކުރައްވާފައިވަނީ،
--- " އަމާންކަން ލިބިގެންވާ، ޙުރުމަތްތެރިވެގެންވާ، ބަރަކާތްތެރި ޙަރަމްފުޅެއް ތިމަން ރަސްކަލާންގެ އެބައިމީހުންނަށް ނުދެއްވަމުހެއްޔެވެ. " އެވަގުތުގައި މަސްޖިދުލް ޙަރާމް އަށް ޒިޔާރަތްކޮށް އެތާގަ އިށިއިނދެގެން އިނދެ، އެ ގެފުޅުގައި ހުއްޓުމެއްނެތި އެދާ ޠަވާފްއަށް ބަލާ، ﷲ ގެ ޖަލާލުވަންތަކަން ހިތައް ގެނެސް އެމީހާގެ ދުޢާ ﷲ އަށް ދަންނަވަންވީނޫންތޯއޭ ގިނަވަޤުތު. ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފަންވީ. މީ ވަރަށް މުޙިއްމު ކަމެއް، ވަރަށްވެސް މުޙިއްމު ކަމެއް.
އެހެން މީހުންނަށް އެހީތެރިވެދިނުން:
ހަމައެއާއެކުގަ އަޅުގަނޑުމެން ހަނދާންކުރަންޖެހޭނީ، އަޅުގަނޑުމެން މި ދަތުރުގައި އުޅޭއިރުގައި ދުވަހަކުވެސް އަޅުގަނޑުމެންނާ ބައްދަލު ނުވާ މީހުންނާ ދިމާވެދާނެ. އެކަކު އަނެކަކަށް އެހީތެރިވެ، ކެއްތެރިވެ އަޅާލަންޖެހޭނެ.
އަނެއް މީހާއަށް އެހީވުމަކީ އެއީ އަޅުކަމެއް، އޭގެ ޒާތުގަ އަޅުކަމެއް. އަނެއް މީހާއަށް އެހީވުމަކީ އޭގެ ޒާތުގަ އަޅުކަމެއް. ތިމާގެ ކޮޓަރީގަ އުޅެދާނެ ތިމާއަށްވުރެ ދޮށީމީހެއް. ތިމާއަށްވުރެ ބަލި ޙާލުގަ ހުރި މީހެއް. އޭނާއަށް އެހީވުމަކީ، އަދި ޙައްޖުގެ އަޅުކަމަށް ގޮސްއުޅޭމީހާއަށް އިތުރު ޘަވާބާއި ދަރުމަ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވާނެ ކަމެއް އެއީ. މިފަދަ ވަރަށް މުޙިއްމު ކަންތައްތަކެއް އާދޭ.
ދަތުރަށް ފެށުމުގެ ކުރިން މާފުހޯދަންޖެހޭ މީހުންގެ ކިބައިން މާފުހޯދުން-
ދެން، ހަނދާން ކުރަންޖެހޭ ކަމަކީ، ޙައްޖުގެ އަޅުކަމަކީ ވަރަށް ތާހިރުވެގެން އެ އަޅުކަމަށް ދާންޖެހޭނީ. މީހުން ކައިރީގައި މާފަށް އެދެންޖެހޭ. ކޮންމެ ޚާއްސަ ކުށެއް މީހެއްގެ ޙައްޤުގައި ކުރެވިފައޮތްކަމުގައި ވަނީނަމަ ކޮންމެހެން އެކަމުގެ ވާހަކަ، އެ ސިއްރު ފާޅުކުރާކަށް ނުޖެހޭ އެމީހާކައިރިއަކު. އާންމުކޮށް ހުރިހާ ރަޙްމަތްތެރިން ގާތުވެސް ބުނެލަންވީ ތިމަންނަ މިދަނީ ދަތުރަކަށޭ. ތިބާގެ ޙައްގުގައި އެއްވެސް ކަމެއް ކުރެވިފައޮތިއްޔާ ތިމަންނައަށް މާފުކުރާށެވެ. ޚާއްސަ ވަކިވަކި ކަންތައްތަކެއް ކޮނެ އެކަންކަން ކަޝްފުކޮށް ނަގާކަށް ނުޖެހޭ. ﷲ ޢައްޒަވަޖައްލަ ސިއްރު ކުރައްވާފައިވާ ކަންތައްތައް ތިޔަބައިމީހުން ކަޝްފު ކުރާކަށް ނުޖެހޭނެ.
ގްރޫޕުގެ އިރުޝާދުތަކަށް ޢަމަލުކުރުން:
ޖަމާއަތުގެ ނުވަތަ ގުރޫއްޕުން އެދޭ އިރުޝާދުތަކަށް ވަރަށް ބޮޑަށް ތަބާވާން ޖެހޭނެ. ގުރޫއްޕުން ބުނަ މިވެނި ވަކި ޙައްސަ ވަގުތުތަކެއްގައި ނުދާށޭ މިވެނި ތަނަކަށް، ބާޒާރަށް ނުދާށޭ ނޫނިއްޔާމު މިވެނި ތަނެއްގައި މީހުން ގިނައޭ، އެތަނަށް ނުދާށޭ. ގޮސްގެން ނުވާނެއެވެ. އެ ގުރޫއްޕޮން އެގޮށް އިރުޝާދު އެދެނީ އެކަމުގައި އެބޭފުޅުންނަށް ހުރި ތަޖުރިބާގެ ތެރެއިން ލާފަ. ބައެއްފަހަރ ދިމާވެފަ އެބަހުރި، ނުދާށޭ ބުނީމަ ދަނީ، އެނބުރި އަންނަނީ އެއްފައި ބިނދިގެން.
މިހާރު އިހުޒަމާނުގަ ހުރިގޮތަކަށް ނޫން ކަންކަން މިހާރު ތަރުތީބުވެފަ ހުރީ ސައުދިއަރަބިއްޔާގަ، ވަރަށް ފަސޭހަ މިހާރު ކަންތައްތައް. އެހެންނަމަވެސް، ބައެއް ކަންކަން ހަމަ ދިމާވެދޭ. ހިލައުކަންދާ ތަންތަނުގަ މިހާރަކު، ކުރީޖަމާނުގަ ތޮއްޖެހިގެން މީހުން މަރުވާގޮތަކަށް ނޫން މިހާރު އެތަންތަން ތަރުތީބުވެފަ ހުންނަނީކީ. އެއަށްވުރެ މާ އިންތިޒާމު ފުރިހަމަ. އިރާދުކުރެއްވިއްޔާމު އެފަދަ އެއްވެސް ކަމެއް ނުވާނެ.
އެހެންނަމަވެސް ބައެއް މީހުން ގުރޫއްޕަށް ނާންގާ އެކަނި ތަންތަނަށް ގޮސްގެން ގެއްލުންވެގެން އެބައާދޭ.
އަޅުގަނޑުމެންނަށް އެއްފަހަރު ދިމާވި ޙާދިޘާއެއް. މީހުން ކައިރީގައި ނުދާށޭ ބުނެފަ އޮއްވަ ދިޔައީ، ގޮސްގެން 3 ދުވަސް ވަންދެން މީހަކު ގެއްލިގެން، އެމީހާ ހޯދަންވެގެން މިނާގެތެރޭގަ ހުރިހާމީހުން ނުކުމެގެން އުޅެގެންވެސް އަޅުގަނޑުމެންނަށް އެމީހާ ނުފެނުނު. އޭނަގެ އަންހެނުން ހުން އައިސްގެން ނުފެނިގެން. އޭނާ އަންހެނުންނަށްވެސް ނާންގަ އޭނަ މިދިޔައީ. އެނބުރި އައިސް ތިންދުވަސް ފަހުން އޭނެ ފެނިގެން ގެނައީ ޖަމްރާތައް ކައިރީގައި އޮއްވަ. ބުނީ ތިމަންނައަށް ޢަރަބި އިނގެއޭ، އެހެންވެ ތިމަންނަ ދިޔައިއްޔޭ. އެގޮތަށް ހަދައިގެން ނުވާނެ. ގުރޫއްޕުގެ އިރުޝާދުތައް ޤަބޫލު ކުރަންޖެހޭނެ. އިރާދުކުރެއްވިއްޔާ ބިރުވެރި އެއްވެސް ކަމެއް ދިމައެއް ނުވާނެ. އެއަށްވުރެ މިހާރު ހާލަތުތައް ރަނގަޅު. އެހެންނަމަވެސް އަޅުގަނޑު މި ދަންނަވަނީ ބައެއް ކަންތައްތަކާމެދުގަ ސަމާލުވާށޭ.
އިރާދުކުރެއްވިއްޔާ ތިބޭފުޅުންގެ މި ދަތުރަކީ ކާމިޔާބު ދަތުރަކަށް ވާނެ. މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޓީމުން މިވަނީ ވަރަށް ރަނގަޅަށް މިކަމަށް ތައްޔަރުވެފަ. އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރާ ޔަޤީންކަން ﷲ އިރާދުކުރެއްވިއްޔާމު އެބޭފުޅުންގެ އެ މަސައްކަތުގަ އެބައޮތް ކަންކަން ރަނގަޅަށް ގެންދާނެކަމުގެ.