ގޭގެ ވެރިފަރާތަށް ނޭނގި އޮޅުވާލައިގެން ގަރާޖު ސިޓީ ހަދާފައިވާ މައްސަލަތައް ބަލަނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ގޭގެ ވެރިފަރާތަށް ނޭނގި އޮޅުވާލައިގެން ގަރާޖު ސިޓީ ހަދާފައިވާ މައްސަލަތައް ބަލަނީ!

ގޭގެ ވެރިފަރާތަށް ނޭނގި އޮޅުވާލައިގެން ގަރާޖު ސިޓީ ހަދާފައިވާ މައްސަލަތައް ބެލުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ސަރުކާރު ހަވާލުވެ ފުރަތަމަ 6 މަސް ދުވަހު ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތަފްސީލް ޙިއްސާކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުމުގައި ޓްރާންސްޕޯޓް މިނިސްޓަރ މުޙައްމަދު އަމީން އެވެ.

"ފޭކު ގަރާޖު ސިޓީގެ މައްސަލައިގައި އެކަން ބެލުމަށް އޭސީސީއާއި ޕޮލިހަށް ހުށައަޅާނަން. ޤާނޫނީ ފިޔަވަޅު އަޅަން އަޅުގަނޑުމެންނަށް ޖާގައެއް ނޮވެ. އެކަމަކު ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދަނީ ބަލަމުން" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީން ވިދާޅުވީ، ގަރާޖު ސިޓީގެ މައްސަލަ ސީރިއަސް ބޮޑު މައްސަލައެއްގެ ގޮތުގައި އެވުޒާރާއިން ބަލަމުންދާކަމަށާއި އެންމެ ބޮޑު މައްސަލައަކީ ވެރިފަރާތަށް ނޭންގިއެ ގެތަކުގެ ނަމުގައި ސިޓީ ހަދައި ވިއްކަމުން ދިޔަ މައްސަލަކަމަށެވެ. އަދި ގަރާޖެއް ނެތް ގޭގެއާ ތަންތަން، ގަރާޖުގެ ގޮތުގައި ކަނޑައަޅައިގެންވެސް ސިޓީ ހަދާފަ ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިނިސްޓްރީގައި ވެހިކަލް ރަޖިސްޓަރީކުރުމުގެ ކަންކަން ބަލަހައްޓަމުންދާ ސޮފްޓްވެއަރގެ އެކްސެސް، އެކަމާ ނުގުޅޭ މީހުންގެ އަތުގައި ހުރިކަމުގެ މައްސަލަތައްވެސް ފެންމަތިވެފައިވާކަމަށެވެ. އެހެންކަމުން ވުޒާރާގެ މަސައްކަތްތައް ބަލަހައްޓާ ސޮފްޓްވެއަރތައް ވަރުގަދަކުރުމުގެ މަސައްކަތްތައްވެސް މިހާރު ކުރަމުންދާކަމަށެވެ.

 

މިއަދު އޮންލައިން