ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ މަސައްކަތްތައް މިހަފްތާގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއާ ހިއްސާކުރައްވަމުން މިނިސްޓަރ ޝަފީޢު ވިދާޅުވީ މޫސުމީ ބަދަލުތަކާއެކު ހޫނުމިން އިހުސާސްކުރެވޭ މިންވަރު މަތިވެފައިވާކަމަށާޢި އަދި ކްލާސްރޫމެއްގައި 30 ކުދިން ތިބޭއިރު، އެހޫނުމިން އިހުސާސްކުރެވޭ މިންވަރު އިތުރުވާނެކަމަށެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން ސްކޫލުތައް ހޫނުވެ، ދަރިވަރުން ސްކޫލަށް އަންނަން ބޭނުންނުވުމުގެ ސަބަބުން އެކުދިންގެ ކިޔެވުމަށް އަސަރުކުރުމަކީ، ގިނަ ގައުމުތަކަކަށް ދިމާވެފައިވާ މައްސަލައެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ކްލާސްރޫމްތަކުގައި ހޫނުވާ މައްސަލަ ހައްލުކުރުމަށްޓަކައި ކުރިއަށް ގެންދާ އޭސީ މަޝްރޫޢަކީ ޚަރަދު ހިނގާނެ މަޝްރޫޢެއް ނަމަވެސް ސަރުކާރުން މަސައްކަތް ކުރަނީ ކުދިންނަށް ކިޔަވައިދިނުމަށް ހިތް ފަސޭހަ މާހައުލެއް ޤާއިމް ކުރުމަށްކަމަށެވެ.
ސްކޫލްތަށް އޭސީ ކުރުމުގެ މަސައްކަތަކީ ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިޒުގެ އެދިވަޑައިގަތުމަށް ކުރާ މަސައްކަތެވެ.