ކުރީ ސަރުކާރުން ދިރާސީ އަހަރު ފަށާ ދުވަސްވަރަށް ބަދަލުގެނެސްފައިވަނީ އެކަމަށް ޚިޔާލު ހޯދި މީހުންގެ ތެރެއިން %70 މީހުންގެ ޚިޔާލާ ދެކޮޅަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ދިރާސީ އަހަރަކަށް ދައުލަތުން ގާތްގަނޑަކަށް 3 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާ ކަމަށާއި މިގޮތަށް ބަޖެޓު ކަނޑައަޅާއިރު ދިރާސީ އަހަރުން 6 މަސް ދުވަސް ނަގާލުމުން އެ ބަޖެޓުން 1.5 ބިލިޔަން ރުފިޔާގެ ގެއްލުން ލިބޭކަމަށެވެ.
"ދައުލަތުގެ މާލިއްޔަތަށް ގެއްލުންވުމުގެ އިތުރަށް ދިރާސީ އަހަރުގެ ފެށުން ލަސްކޮށްލުމުން އެ ކުދިންގެ ޢުމުރުން 6 މަސް ދުވަސް ގެއްލިގެން އެދަނީ. އެކުދިންނަށް 6 މަސް ދުވަސް ފަހުން ގްރެޖުއޭޓް މިވެވެނީ. އަޅުގަނޑުމެން ކުރަން މިއުޅޭ ކަމަކީ މިކަންކަން ހައްލު ކުރުން." ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.
މީލާދީ އަހަރުގެ މެދުތެރޭ ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް މިދިޔަ ސަރުކާރުން ބަދަލުކުރީ 2021 ވަނަ އަހަރުއެވެ.
މިދިޔަ ސަރުކާރުން އަހަރުގެ މެދުތެރޭ ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ބަދަލުކުރީ ރައްޔިތުންގެ ނުރުހުމުގައި ކަމަށް ވިދާޅުވެ, އަހަރު ފަށާއިރު ދިރާސީ އަހަރުގެ ކިޔެވުން ފަށާގޮތަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.