ތައުލީމީ ނިޒާމަށް ބަދަލު ގެނެސް ދިވެހި މުދައްރިސުން އިތުރުކުރަން ނިންމާފައިވާކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއަށް މައުލޫމާތު ދެއްވަމުން ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ތައުލީމީ ނިޒާމު މިހާރު އޮތްގޮތުން މުދައްރިސުންނަށް ލިބެންޖެހޭ ގަދަރާއި އިޙްތިރާމް ނުލިބޭކަމަށާއި އެގޮތުން، ސްކޫލްތަކުގެ ޕްރިންސިޕަލުން ހުންނަން ޖެހޭ ސްކޫލް ނޫން އެހެން ސްކޫލްތަކަށް ބަދަލު ކުރުމާއި 300 އެއްހާ މުދައްރިސުންނަށް އުސޫލުތަކުގެ ބޭރުން ފިޔަވަޅު އަޅާފައިވާކަމަށެވެ.
މީގެ ސަބަބުން ޓީޗަރުންގެ ތެރޭގައި ބިރުވެރިކަން އުފެދި ދާއިރާގެ އަގު ވެއްޓިފައިވާކަމަށާއި އެހެންކަމުން ޓީޗަރުންނަކީ ގަދަރުވެރި ބަޔަކަށް ހަދަން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"ޓީޗަރުންނަކީ ރެއާއި ދުވާލު އެ ބޭފުޅުންގެ އާއިލާ ގުރުބާންކޮށް، ވަގުތު ގުރުބާންކޮށް އަދި އެއްވެސް ވަރެއްގެ ސައިކޮލޮޖިކަލް ވެލްބީންގަކަށް ބެލުމެއް ނެތި މުޅި ނިޒާމް އެކުލަވާލެވިފައިވަނީ. މިފަދަ ގަޑުބަޑުކޮށްފައި އޮތް ނިޒާމެއް ހަމަމަގަށް އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދަނީ،" ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވިއެވެ.