މޫސުމީގޮތުން ނުރައްކާ އެންމެ ސިޑްސްގެ ޤައުމުތަކަށް: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 17ސ
މޫސުމީގޮތުން ނުރައްކާ އެންމެ ސިޑްސްގެ ޤައުމުތަކަށް: ރައީސް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ އަވަހަށް ގެއްލުންތަކާއި ނުރައްކާތަކާއި ކުރިމަތިލާންޖެހެނީ ސިޑްސްގެ ޤައުމުތަކުންކަން ބައިނަލްއަޤްވާމީ މުޖްތަަމަޢުއިން ޤަބޫލުކުރަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަ ގާޑިއަން ނޫހުގައި ޝާޢިއު ކުރެއްވި އާޓިކަލްއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤަބޫލުކުރަންޖެހޭ ހަގީޤަތަކީ ދުނިޔޭ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސްތައް ޖައްވަށް ދޫކުރުމުގައި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މާބޮޑު ހިއްސާއެއް ނެތްކަމެވެ. ނަަމަވެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ އަވަހަށް ގެއްލުންތަކާއި ނުރައްކާތަކާއި ކުރިމަތިލާންޖެހެނީ ސިޑްސްގެ ޤައުމުތަކުންކަން ބައިނަލްއަޤްވާމީ މުޖްތަަމަޢުއިން ޤަބޫލުކުރަންޖެހޭކަމަށެވެ.

އެކަން އެހެން އޮތް ނަމަވެސް ޖަޒީރާ ޤައުމުތަކުން ބައިނަލްއަޤްވާމީ މުޖްތަަމަޢުއަށް ގޮވާލަނީ އުނދަގޫ ކަންތައްތަކެއް ކޮށްދޭން ނޫންކަމަށާއި ނޫނީ އެހީގެ ގޮތުގައި ފައިސާތަކެއް ހޯދާކަށްވެސް ނޫންކަމަށާއި އޭގެބަދަލުގައި ކުދި ޖަޒީރާ ޤައުމުތަކުން ބޭނުންވަނީ އެ ޤައުމުތަކުގެ މާ ބޮޑު ދައުރެއް ނެތި ކުރިމަތިވެފައި އޮތް މޫސުމީ ކާރިސާއަކުން ސަލާމަތްވުމަށް އިންސާފުވެރި، ހަމަހަމަ ފުރުސަތުތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ރައިސް ވިދާޅުވީ ރަސްމާލެފަދަ މަޝްރޫއުތަކަކީ ތިމާވެށި ހިމާޔަތްކުރުމާއި ދެމެހެއްޓެނިވި ތަރައްޤީގެ ތަސައްވުރާއެކު ކުރިއަށްގެންދާ އެތައް މިލިއަން ޑޮލަރެއް ހޭދަވާނެ މަޝްރޫޢުތަކެއް ނަމަވެސް، މިއީ ވިޔަފާރިއާއި އިޤްތިޞާދާއި ގުޅޭ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކެއް ކަމަށް ބުނެ ކްލައިމެޓް ފަންޑުތަކުންނާއި މަލްޓިލެޓަރަލް ބެންކުތަކުން މާލީ އެހީތެރިކަން ފޯރުނުކޮށްދޭން ދެކޮޅު ހަދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކަށް މާލީ އެހީ ލިބިއްޖެނަމަ ޖަޒީރާ ރަށްތައް ރައްކާތެރިކޮށް، އަދި އެރަށް އަނެއް ރަށާއި ގުޅާލުމަށް ހިންގާ ބްރިޖާއި ކޯސްވޭ މަޝްރޫޢުތައް ކުރިއަށްގެންގޮސް، އުމްރާނީ ތަރައްްޤީ ފުޅާވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އުމްރާނީ ތަރައްޤީ ފުޅާވުމުން ފެންވަރު ރަނގަޅު ތައުލީމާއި، ސިއްހީ ހިދުމަތްތަކެއް ގިނަ ބަޔަކަށް ފޯރުކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވެފައިވާ މުޖްތަމައުތަކެއް ޤާއިމްކުރެވޭނެކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އަވިން ހަކަތަ އުފެއްދުން ފަދަ އިއާދަކުރަނިވި ހަކަތަައިގެ މަޝްރޫޢުތަކަށް ކުރާ އިންވެސްޓްމަންޓްތަކާއެކު އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ރާއްޖެއިން ކުރާ މަސައްކަތްވެސް ކާމިޔާބުވާނޭކަން ޔަގީންކުރެވިގެންދާނޭޭކަމަށެވެ. ނަމަވެސް މިކަންކަން ހަގީގަތަކަށް ހެދޭނީ މާލީ އެހީ ފޯރުކޮށްދޭ ފަރާތްތަކުން މިމަސައްކަތަށް އެއްބާރުންދީގެންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

 

މިއަދު އޮންލައިން