މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަމާގުޅިގެން މަސްވެރިކަމާއި ބެހޭ ވުޒީރު އަހުމަދު ޝިޔާމް ވިދާޅުވީ، ސަރުކާރުން މިދިޔަ އެޕްރީލް މަހުގެ 22 ގެ ނިޔަލަށް މަސްވެރިންނަށް 881 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި އަދި މިހާރު މަސްވެރިންނަށް ދޫނޫކުރެވި 61 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.
މިފްކޯއަށް މާލީ ގޮތުން މި މަސް ނިމޭއިރު ވެސް ކޮންމެ ވެސް ވަރެއްގެ އުނދަގުލެއް ހުންނާނެ ކަމަށާއި ނަމަވެސް، މިހާރު ނުދެއްވި އޮތް 61 މިލިއަން ރުފިޔާ ވީހާ ވެސް އަވަހަކަށް ދައްކާ ޚަލާސްކުރަން އުންމީދުކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޚަރަދު ކުޑަކޮށް ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދެއްކުމަށްވެސް ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.