އޭލެވަލްގައި ކިޔަވާ ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތު ހޯދައިދިނުމަކީ އެ ކުދިންގެ މުސްތަގުބަލަށްޓަކައި ބޭނުންތެރި ކަމެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރާ ގުޅުވައިގެން މިނިސްޓަރު ޝަފީއު މިއަދު ދެއްވި ހިތާބެއްގައި ވިދާޅުވީ އޭލެވަލްގައި ކިޔަވާ ދަރިވަރުންނަށް ތަފާތު ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތު ހޯދައިދިނުމަކީ އެ ކުދިންގެ މުސްތަގުބަލަށްޓަކައި ބޭނުންތެރި ކަމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއަމާޒަށް ވާސިލްވުމަށްޓަކައި އޭލެވަލްގައި ކިޔަވާ ދަރިވަރުން މިހާރަށް ވުރެ އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އޭލެވަލްގައި ކުދިން ކިޔަވާއިރު އެ ކުދިން ކުރިއަށް ދާން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީން ލިބޭ ގޮތަށް ކަންކަން ފަރުމާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ދުނިޔެ މިހާރު މިވަނީ ޓެކްނޮލޮޖީގެ ބޮޑު ބަދަލަކަށް މިސްރާބު ޖަހައިފައި ކަމަށެވެ. އެހެންކަމުން ތަރައްގީގެ މައިދާނުގައި ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ޖީލު ބައްޓަން ކުރަން ވާނީ ޓެކްނޮލޮޖީއަށް އަހުލުވެރި، ކުރިއެރުމަށް ލޯބިކުރާ، އިސްލާމީ މަތިވެރި އަގުތައް އަށަގަނެފައިވާ ބައެއްގެ ގޮތުގައި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެހެންކަމުން އެކަމުގައި މިހާރު ދުނިޔޭގައި އެންމެ ބޮޑަށް ކުރިއަރަމުންދާ އާޓީފިޝަލް އިންޓެލިޖެންސް ބޭނުންކުރުމުގެ މުހިންމުކަން ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގެނުމާއި އުނގަންނައި ދިނުން ހަރުދަނާ ކުރުމާއި މުދައްރިސުން އަހުލުވެރިކުރުވުމާއި ޝާމިލުކޮށްގެން އުނގަންނައި ދިނުމުގައި އެސިސްޓިވް ޓެކްނޮލޮޖީ ބޭނުންކޮށްގެން އުނގަންނައި ދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ހާއްސަ އިސްކަމެއް މި ދިރާސީ އަހުރުގެ ތެރޭގައި ދެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ދިރާސީ އަހަރާ ބައްދަލުކުރާއިރު، ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމީ ނިޒާމުގެ ހިންގުން ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އިސްތިރާޖީ ހެޔޮ ބަދަލުތަކެއް ގެނައުމުގެ އުއްމީދީ ގިނަގުނަ މަސައްކަތްތައް ރޭވި، އޭގެ ތެރެއިން ބައެއް ކަންކަން މިހާރު ތަންފީޒުކުރަން ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެންހުރި ކަންކަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވާންޖެހޭ ތައްޔާރީތަށް ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.