ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވަލޮޕްމެންޓް ބޭންކަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ބޭންކަކަށް ހެދުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ ޑިވަލޮޕްމެންޓު ބޭންކު ޤާއިމްކުރެވޭނީ ދުނިޔޭގެ ތަޖުރިބާކާރުންގެ އެހީއާއެކު ކަމަށާޢި މި ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް ދުނިޔޭގެ ފެންވަރު ރަނގަޅު ތަޖުރިބާކާރެއް ހޯދަމުންދާކަމަށެވެ. އަދި ބޭންކުގެ ބޯޑުގައިވެސް ތިއްބަވާނީ ވެސް ދުނިޔޭގެ އަދި ރާއްޖޭގެ ފެންވަރު ރަނގަޅު މީހުންކަމަށާއި ސަރުކާރުގެ އަމާޒަކީ މޯލްޑިވްސް ޑިވަލޮޕްމެންޓް ބޭންކަކީ ސަރަހައްދީ ގޮތުން ފާހަގަކޮށްލެވޭ ތަނެއްގެ ގޮތުގައި އެތަން ޤާއިމްވެގެންދިޔުން ކަމަށް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
"ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" އަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.
މި ކުންފުނި އުފައްދަވާފައިވަނީ ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.