އައިސީޖޭގެ ޙުކުމަށް އިސްރާއީލުން ބޯލަނބަން ޖެހޭނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 44ސ
އައިސީޖޭގެ ޙުކުމަށް އިސްރާއީލުން ބޯލަނބަން ޖެހޭނެ: ރައީސް

ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީ ޒަޔަނިސްޓް ދައުލަތުން ދެމުން ގެންދާ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ބައިނަލްއަޤްވާމީ އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ކުރި ހުކުމަށް ޔަހޫދީ ދައުލަތުން ބޯލަނބަން ޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮތް ރަފަޙްގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ވަގުތުން ހުއްޓައިލައި, އެ ސަހަރުން ފޭބުމަށް ބައިނަލްއަޤްވާމީ ކޯޓުން ޒަޔަނިސްޓު އިސްރާއީލަށް މިއަދު އަމުރުކޮށް ނެރުނު ހުކުމާޢި ގުޅިގެން އެކޯޓުގެ ނިންމުމަށް ތާޢީދު ކުރައްވައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޔަހޫދީ ދައުލަތުން ރަފަޙްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ކުރި ޙުކުމާއެއްގޮތަށް ބޯލަނބަން ޖެހޭނެ ކަމަށާޢި އަދި ރަފަޙް ބޯޑަރު ހުޅުވައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ފަހިކޮށްދޭން ޖޭހެނެ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ކޯޓުގެ މި ނިންމެވުމަކީ ހަމަޖެހުން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށްވި ނަމަވެސް ރާއްޖޭން ގަބޫލުކުރަނީ ފަލަސްތީނަކީ މިނިވަން މުސަތަގިއްލު ޤައުމެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. 

އަދި ފުރިހަމަ ގޮތުގައި ހަމަޖެހުން ޤާއިމުވެގެންދާނީ 1967 ގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގާއިމުވެގެން ކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

ރަފަޙުގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓާލައި, ޣައްޒާއިން ފޭބުމަށް ޔަހޫދީ ފައުޖަށް އައިސީޖޭގެ 15 ފަނޑިޔާރުންގެ ބެންޗުން އަމުރުކޮށްފައިވާއިރު, މިއީ ޣައްޒާ ޢުދުވާނާ ގުޅިގެން އެ ކޯޓުން އަމުރެއް ނެރެފައިވާ ތިންވަނަ ފަހަރެވެ. އައިސީޖޭން ޔަހޫދީންނާ ދެކޮޅަށް އަމުރު ނެރެފައި ވަނީ އެ ކޯޓުގެ ބެންޗުގައި ހިމެނޭ 15 ފަނޑިޔާރުންގެ ތެރެއިން 13 ފަނޑިޔާރުންގެ ތާޢީދާ އެކުގައެވެ. ދެކޮޅު ހައްދަވާފައި ވަނީ ދެ ފަނޑިޔާރުންނެވެ.

މިއަދު އޮންލައިން