ޢަރަބި ބަހުން ބާއްވާ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ބަހުސް މުބާރާތްކަމަށްވާ "ދަ އިންޓަރނޭޝަނަލް ޔުނިވަރސިޓީސް ޑިބޭޓިންގ ކޮމްޕެޓިޝަން" ގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޓީމް މިއަދު ޤަތަރަށް ފުރައިފިއެވެ.
ޤަޠަރުގެ ވެރިރަށް ދޯހާގެ ޤަޠަރު ނެޝަނަލް ކޮންވެންޝަން ސެންޓަރުގައި މިމަހުގެ 25 ން 29 އަށް ބާއްވާ މި މުބާރާތަކީ ދުނިޔޭގެ އެކި ޔުނިވަރސިޓީތަކުގެ ދަރިވަރުން، ކަނޑައެޅޭ މައުޟޫޢުތަކަށް ޢަރަބި ބަހުން ބަހުސްކުރުމަށް ބޭއްވޭ ބައިނަލްއަޤްވާމީ ބޮޑު މުބާރާތެކެވެ. މި އަހަރުގެ މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 50 ޤައުމަކުން 100 ޓީމް ހިމެނޭހެން 600 އަށްވުރެ ގިނަ ބައިވެރިން ވާދަކުރެއެވެ.

މި މުބާރާތުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ބައިވެރިވާ ޓީމްގައި ހިމެނެނީ އެ ޔުނިވަރސިޓީގެ ބެޗްލަރ އޮފް ޓީޗިންގ ޢަރަބިކް ލެންގުއޭޖް ކޯހުގައި ކިވަމުންދާ ދިވެހިރާއްޖޭގެ ދެ ދަރިވަރުންކަމަށްވާ ސާރާ ބިންތް ޢާމިރު އިބްން ޢަލީ، ޢާއިޝަތު އީނާޝް އިބްރާހީމް އަދި ހަމަ އެކޯހުގައި ކިޔަވަމުންދާ އަލްޖީރިއާގެ ދަރިވަރެއް ކަމުގައިވާ ބެންބޫޒިއަން ނަރްދްޖިސްއެވެ. ދަރިވަރުންނާއެކު ކޯޗެއްގެ ގޮތުގައި ވަޑައިގެންނެވީ އައި.ޔޫ.އެމްގެ ކުއްލިއްޔާ އޮފް ޢަރަބިކް ލެންގުއޭޖް ގެ ޑީން އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ.
މި ދަރިވަރުންނާ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.ޢަލީ ޒާހިރާއި ޑެޕިއުޓީ ވައިސް ޗާންސެލަރ އަޙްމަދު އަމީން މުޙައްމަދު ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ. ޔުނިވަރސިޓީއަށާއި ދިވެހިރާއްޖެއަށް ރީތި ނަން ހޯދާދިނުމަށް ހުރިހާ ކުދިންވެސް ގަދައަޅާ މަސައްކަތްކުރުމަށާއި މިފަދަ އަގުހުރި ފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރު ވަނީ ޓީމުގެ ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ.
އައި.ޔޫ.އެމްގައި ހިންގާ ޢަރަބި ބަހުގެ ކޯސްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު އެ ކޯސްތަކުގެ ފެންވަރު ދެމެހެއްޓުމަށް ބޮޑު އިސްކަމެއް ދެއްވާކަމަށާއި މިފަދަ ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންގެ ޢިލްމާއި ހުނަރު މަތިކުރުންކަމަށް އައި.ޔޫ.އެމް އިން މައުލޫމާތުދެއްވައެވެ.