އައްޑޫގައި އިސްރަށްވެހިންނަށް ހާއްސަ މަރުކަޒެއް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ނިންމެވުމާ ގުޅިގެން، ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުމަށްވެސް ނިންމަވާފައިވެ އެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ހައްގުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ.
މި ހިޔާވަހި ބިނާކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން އައްޑޫ ސިޓީ ފޭދޫގައެވެ.