"ފުލް ފްލެޖްޑް" ބްލަޑް ބޭންކެއް އައްޑު އާއި ކުޅުދުއްފުށީގައި މިއަހަރު ޤާއިމްކުރެވޭނެ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޚަލީލް ވިދާޅުވީ "ފުލް-ފްލެޖްޑް" ބްލަޑް ބޭންކެއް އަތޮޅުތަކުގެ އެއްވެސް ސަރަޙައްދެއްގައި އަދިއެއް ނެތް ކަމަށާއި އެހެންވެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ ފަސް ސަރަޙައްދެއްގައި ލެއާ ގުޅޭ ހުރިހާ ޚިދުމަތެއް ހިމެނޭހެން ބްލަޑް ބޭންކުތައް ޤާއިމްކުރަން ނިންމާފައިވާ ކަމަށެވެ.
ބްލަޑް ބޭންކުތައް ޤާއިމްކުރުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ހުރި ހޮސްޕިޓަލުތައް ރިވިއުކޮށް މަޢުލޫމާތު އެއްކޮށްފައިވާކަމަށާއި މި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް މިއަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި އައްޑޫ ސިޓީގައި ފުލް ފްލެޖްޑް ބްލަޑް ބޭންކު ޤާއިމްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.