ރާއްޖޭގައި އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ ގާނޫނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުالله ހަލީލް ވިދާޅުވެއްޖެ އެވެ.
ސިއްޙަތާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޚަލީލް ވިދާޅުވީ، ރާއްޖެ ނޫން އެހެން ޤައުމުތަކުގައިވެސް އޯގަން ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަންތައް ކުރަނީ ޤާނޫނެއްގެ ތެރެއިން ރެގިއުލޭޓް ކުރެވިގެން ކަމަށެވެ.
އެހެންކަމުން, އެކަމާބެހޭ ބިލެއް ޑްރާފްޓު ކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
"އެ ޤާނޫނެއް ނުވަތަ އެ އުސޫލްތައް މިހާރުން މިހާރަށް ނަޔަސް ވެސް، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ މިހާރުވެސް ދެވޭ ޚިދުމަތެއް އޭގެ ތެރޭގައި ޓްރާންސްޕްލާންޓު ކުރަން ބޭނުންވާ ފަރާތްތަކުން ޓްރާންސްޕްލާންޓު ކުރަން ބޭނުންވާ ފަންޑިންއާއި އަދި އެހެނިހެން ލުއިކަން ރައްޔިތުންނަށް ފޯރުކޮށްދިނުން. އެއީ އަޅުގަނޑުމެން މިހާރުން މިހާރަށް ކުރާ މަސައްކަތަކީ" މިނިސްޓަރ ޚަލީލް ވިދާޅުވިއެވެ.
އޯގަން ޓްރާންސްޕްލާންޓް ކުރުމާ ބެހޭ ގާނޫނެއް ވުޖޫދު ކުރެވުމުން އެ ހިދުމަތް ވެސް ރާއްޖޭގައި ގާއިމުވެގެންދާނެކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ, ރާއްޖޭގެ ބައެއް ޕްރައިވެޓް ހޮސްޕިޓަލްތަކުން އެ ހިދުމަތް ދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.