ގުޅިފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި: ރައީސް ޑރ. މުއިއްޒު

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ގުޅިފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި: ރައީސް ޑރ. މުއިއްޒު

ގުޅިފަޅަކީ މީހުން ދިރިއުޅެން އެކަށީގެންވާ ތަނެއް ނޫން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ މަނިކުފާނު އަރިހުގައި ވިދާޅުވެފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ފަރާތުން މާފަންނު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ މުހައްމަދު މުސްތަފާ އިބްރާހީމްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގްރޭޓާ މާލޭގެ ޑިވެލޮޕްމެންޓް ޕްލޭން ތައްޔާރުކުރި އިރު، ތަޖުރިބާކާރުން ބުނެފައިވަނީ ގުޅިފަޅުގެ ފަޅަކީ ޕޯޓެއް ހެދުމަށް އެކަށީގެންވާ ފަޅެއް ނޫން ކަމަށެވެ. ދެމެހެއްޓެނެވި އަދި ދުރުމުސްތަގުބަލަށް ފައިދާކުރާނެ ޕޯޓެއް ހެދޭނީ ތިލަފުށީގައި ކަމަށް ތަޖުރިބާކާރުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު، ކުރީ ސަރުކާރުން ވަނީ ހުޅުމާލެ ފަޅުންނާއި ގިރާވަރުފަޅު އަދި ގުޅިފަޅު ތަންކޮޅެއް ހިއްކަން ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު  އެއިރު މޭޔަރަކަށް ހުރި އިރުގައި ބައްދަލުވުމެއްގައި ރައީސް ސޯލިހު ގާތު ގުޅިފަޅު ވާހަކަ ދެންނެވީމަ އެއީ މީހުން ދިރިއުޅެން ކަމުދާ ތަނެއް ނޫނޭ ވިދާޅުވި ކަމަށާއި ނަމަވެސް އެހެން ވިދާޅުވެފައިމެ އެތަން ހިއްކައިގެން އެތަން އަނެއްކާވެސް ބޭނުންކުރަން ފެށްޓެވިކަމަށެވެ. އަދި އެއީ ޕްލޭނެއް ނެތި ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ މަސައްކަތެއްކަމަށާއި މީހުންނަށް އެތަނުން ގޯތިގެދޮރު ދޭން ފެށްޓެވިކަމަށެވެ. އަދި ގިރާވަރުފަޅުން ވެސް ގޯތިގެދޮރު ދޭން ފެށްޓެވިކަމަށެވެ . މި ދެ ކަން ވެސް ފެށްޓެވީ ދައުރު ނިމެން ވަރަށް ގާތްވެފަ އޮއްވައިކަމަށެވެ.

"ދެން އަޅުގަނޑު މި ވައުދުވީ ނުހިއްކައި އޮތް ތަނުން ވެސް ފަޅުތެރެއިން ވެސް ދޭން ނިންމި ގޯތިތަކާއެކީގައި އެ ގޯއްޗެއް ނޫނިއްޔާމު އެ ފުލެޓެއް ދޭން ނިންމި ތާކުން ދޭނެ ކަމަށް. އެ ވައުދު އަޅުގަނޑުވިން. އެ ވައުދު މަތީގައި އަޅުގަނޑުމެން މިތިބީ. އިރާދަކުރެއްވިޔާ އެ ވައުދު ހަމަ އެގޮތަށް ފުއްދައިދޭނަން،" ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން މިހާރު ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށްފައި ކަމަށާއި ޕޯޓު ތިލަފުއްޓަށް ބަދަލުކުރުމުގެ ސަބަބުން ގުޅިފަޅުން 70 ހެކްޓަރުގެ ބިން މާލޭ މީހުންނަށް ގެދޮރު ދިނުމަށް އިތުރުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. 

 

މިއަދު އޮންލައިން