ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންނަކީ ފަހުދިހައިގަ ވީހާ ގިނައިން ރޭއަޅުކަންކުރާ ބައަކަށް ވުމަށް! ސަރުކާރު ބަންދުކުރެއްވީ އެހެންވެ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 22ސ
ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވަނީ ރައްޔިތުންނަކީ ފަހުދިހައިގަ ވީހާ ގިނައިން ރޭއަޅުކަންކުރާ ބައަކަށް ވުމަށް! ސަރުކާރު ބަންދުކުރެއްވީ އެހެންވެ!

ރާއްޖެ އިސްލާމްވުމަށްފަހު މާތް ﷲ ގެ ވާގިފުޅާއިއެކު އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން ދައުލަތުން ނިންމައި ދުވަސްތައް ބަންދުކޮށްދިންކަން އެނގެން އޮތް ފުރަތަމަ ފަހަރު ކަމަށްވާއިރު އެކަން އެގޮތަށް ކުރެއްވެވި ސަބަބު ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ހާމަކުރައްވައިފައެވެ. 

މިއަދުގެ ރައީސްގެ ޖަވާބު ފަށްޓަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ ރަމަޟާންމަހުގެ ފަހު 10 ބަންދުކުރެއްވީ ރޭއަޅުކަމާއި ހެޔޮ ޢަމަލުތައް ކުރަން ރައްޔިތުންނަށް ފުރުޞަތު ދެއްވުމަށްކަމަށް ކަމަށެވެ! އަދި ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމަށެވެ. 

"އަހަރުތެރޭގައި އަންނަ އެންމެ ހެޔޮކަން ބޮޑު ރޭ ކަމުގައިވާ ލައިލަތުލްޤަދްރު ވަނީ ރޯދަމަހުގެ ފަހު 10 ގެ ތެރޭގައި. ފަހު 10 ގައި އަޅުކަން އިތުރުކުރުމަށް މުޅި އުންމަތަށް ކީރިތި ރަސޫލާ ވަނީ އިރުޝާދު ދެއްވާފައި. އަދި އެކަލޭގެފާނުގެ ސުންނަތަށް ބަލާއިރު އެކަލޭގެފާނު އެންމެ ދީލަތިކަމާ އިޙްސާންތެރިކަން އިތުރުކުރެއްވީ ރަމަޟާންމަހުގެ ފަހު 10 ގައި".

މި މޭރުމުން ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފާ، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވައިފައެވެ. އަދި ރަމަޟާންމަހުގެ ފަހު 10 ގެ ދަރުމަ ދިވެހި ރައްޔިތުންނަށް ލިބުން އެދިވަޑައިގެން ވަނީ ދުޢާކުރައްވައިފައެވެ. 

ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސް ޑރ. މުޙައްމަދު މުޢީއްޒު ވަނީ ނިންމަވާފައެވެ. 

އެހެން އަހަރުތައް ފަދައިން މިއަހަރުގެ ރަމަޟާން މަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލިގެންދިއަނުދިނުމަށް ސަރުކާރުން ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ.  އެގޮތުން މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވުމުގެ ނަތީޖާއެއްގެ ގޮތުން ލުނބޯކިލޯއެއް 400 ރުފިޔާއަށް ފިޔާކިލޯއެއް 80 ރުފިޔާއަށް މިއަހަރު އަރައެިގެނެއް ނުދެއެވެ.

މިއަހަރުގެ އެންމެ ޚާއްޞަ އެއްކަމަކީ 3 ދުވަހު ކިޔޫގައި ޖެހިގެން ހުންނަން ނުޖެހޭނެ ގޮތަށް ރައްޔިތުންނާއި ހަމައަށް ތަކެތި ގެންގޮސްދީގެން ރޯދަ ހަދިޔާ ސަރުކާރުން ރައްޔިތުންނަށް ބެހިކަމެވެ. އަދި ރޯދަމަހު ކަރަންޓާ ފެނުގެ ބިލުތައް ބޮޑުވިޔަ ނުދޭން ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަންވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިޢުލާންކުރައްވާފައެވެ. 

ވީމާ މިއަހަރުގެ ރަމަޟާންމަސް ވެގެންދާނީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށްކަން ފާހަގަކުރެވެއެވެ.

 

މިއަދު އޮންލައިން