މި ރޯދަމަހު ކާބޯތަކެތީގެ އަގުތައް ބާޒާރުގައި އުފުލިގެން ނުދިޔައީ ދުރާލާ ކުރެއްވި މަސައްކަތުގެ ނަތީޖާއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑީއާއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ރައީސް ވިދާޅުވީ ރަމަޟާން މަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ އަގުތައް އުފުލިގެން ނުދިއުމަށާއި، ހުސްވެގެން ނުދާނެހެން މަސައްކަތްތައް ފެށްޓެވިކަމަށެވެ. އެގޮތުން ކަމާބެހޭ ފަރާތްތަކާއި ވިޔަފާރިވެރިންނާއި ގުޅިގެން މަސައްކަތްތަކެއް ކުރެވުނުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަމަޟާންމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ތަކެތީގެ އަގު އުފުލިގެން ނުދާނެހެން މަސައްކަތްތައް ރާއްވަވާ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
"އިރާދަކުރެއްވީތީ މިފަހަރު އަޅުގަނޑުމެންނަށް ފާހަގަވެގެންދަނީ ތަކެތި ހުސްވެގެން އުޅޭކަށް ނުޖެހޭކަން. އަދި އަގުތައްވެސް ބޮޑުވެގެން ނުދާކަން. އެއީ އަޅުގަނޑުމެން ހާސިލްކުރަން ބޭނުންވި އަމާޒު. ރަމަޟާންމަހު ރައްޔިތުންނަށް ލުއިފަސޭހަކޮށް ކާބޯތަކެތިީގެ ކަންކަން ހަމަޖައްސައިދިނުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރަމަޟާންމަގަށް ޚާއްސަކޮށްގެން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ބައެއް ތަކެތި ގެނެސް ދަނީ ވިއްކަމުންނެވެ. ކޮންމެ އަހަރަކުވެސް ރޯދަމަހާއި ދިމާކޮށް ރައްޔިތުންނަށް ފަސޭހަކޮށްދިނުމަަށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓްތައް ރާއްޖެއިން ބޭރުން ގެނެސް، ރާއްޖޭގެ ބާޒާރުގައި ހޯލް ސޭލް އަދި ރީޓެއިލްކޮށް ވިއްކައެވެ.
އާއްމުކޮށް ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތައް ރަމަޟާންމަހު ހެޔޮ އަގެއްގައި ލިބޭނެކަން ކަށަވަރުކުރައްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ދެއްވާފައެވެ. މިގޮތުން އަސާސީ ކާބޯތަކެތީގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީން ވަނީ އެކުލަވާލާފައެވެ. އަދި އެތަކެތި ރާއްޖޭގެ މާކެޓުގައި ހުރިކަން ކަށަވަރުކުރުމާއި އަގުތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމުގެ މަސައްކަތް އެސްޓީއޯއާ ގުޅިގެން ދަނީ ކުރަމުންނެވެ.
މީގެއިތުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ކެމްޕެއިންގައި މާފަންނު ހުޅަނގު ދާއިރާގައި ބޭއްވި ޕީއެންސީގެ ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ދިވެހީން އަމިއްލައަށް ކުރެވެން ހުރި ކަންކަން އެހެން ޤައުމުތަކުގައި އެދިގެން ކުރުމާއި، އެހެން ޤައުމުތަކަށް ބަރޯސާވުމުގެ އާދަކާދަ ނިމުމަކަށް ގެންނަންޖެހޭކަމަށެވެ. ރައީސް ވިދާޅުވީ، އެކަންކަން ނިމުމަކަށް ގެނެވޭ މިންވަރަކުން މިނިވަން މުސްތަޤިއްލު ޤައުމެއްކަން ރައްޔިތުންނަށް އިޙްސާސްކުރެވެން ފަށާނެކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ދިވެހީންނަށް ނުކުރެވޭ ކަންކަމުގައި ބޭރުގެ އެހީ ހޯދަން ޖެހޭނެކަމަށާއި، އެހެންނަމަވެސް ދިވެހީންނަށް ކުރެވޭނެ ކަންކަމުގައި ދިވެހީން އިސްނަގަން ޖެހޭކަމަށް ވިދާޅުވިއެވެ.
ރައިސް ވިދާޅުވީ، ރާއްޖޭގައި އުފެއްދޭ ކާބޯތަކެތީގެ ބާވަތްތައް ރާއްޖެ އެތެރެކުރުމަށް މިލިއަނުން ޑޮލަރު ހޭދަކުރާކަމަށާއި، ޤައުމުގެ އިޤްތިޞާދު ރަނގަޅުކުރުމަށް އެތަކެތި ރާއްޖެ އެތެރެކުރުން ނިމުމަކަށް ގެނަންނެޖެހޭކަމަށެވެ. މިޤައުމުގައި އުފެއްދޭނެ ހުރިހާ ބާވަތެއްގެ ކާބޯތަކެތި، ދިވެހި ހުރިހާ ރައްޔިތުންނަށް ފުދޭ މިންވަރަށް އުފެއްދުމަށް މަސައްކަތް މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފުޑް ސެކިއުރިޓީ ނުވަތަ ކާބޯތަކެތީގެ ޔަޤީންކަން މި ދައުރުގައި ފުރިހަމައަށް ޤާއިމްކުރައްވާނެކަމަށެވެ. އެކަމަށްޓަކައި އުތުރުތިލަފަޅުގައި ޚާއްޞަ ސަރަހައްދެއް ކަނޑައަޅުއްވާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކަމަށްޓަކައި އެގްރިކަލްޗަރ އިންޑަސްޓްރިއަލް ޒޯނެއް ޤާއިމްކުރުމަށް އުތުރު ތިލަފަޅު ހިއްކައިގެން ބިޔަ ބޮޑު މަޝްރޫޢުއެއް ފެށުމަށް މިވަނީ ތައްޔާރުވެފައި. 200 ހެކްޓަރުގެ ބިޔަ ބޮޑު ބިންހިއްކާ އަދި އެއާގުޅިގެން އިންޓެގްރޭޓެޑް ޑިވެލޮޕްމަންޓާއެކީގަ ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، އަދި ރާއްޖޭގެ ދަނޑުވެރިކަމުގެ މަސައްކަތް ހިންގާ، ރައްޔިތުން ދިރިއުޅޭ ރަށްރަށްވެސް ހިމަނައިގެން އުތުރާ ދެކުނުގެ މިކަހަލަ ބިން ހުރި ރަށްތަކުގަވެސް މި މަޝްރޫޢުގެ ބައިބައި ހިނގާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.