އަމިއްލަ ޖަމާޢަތްތަކުގެ ހަވާލުގައި އުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކުން އެ ވަޑައިގަންނަވާ ޖަމާޢަތްތަކަކީ އުމްރާއަށް މީހުން ގެންދިއުމުގެ ރަސްމީ ހުއްދަ އޮތް ޖަމާޢަތްތަކެއްކަން ކަށަވަރު ކުރުމަށް އިސްލާމީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިލްތިމާސްކުރައްވައިފިއެވެ.
ޑރ. ޝަހީމް މިފަދަ އިލްތިމާސެއް ކުރައްވާފައިވާއިރު ރަސްމީ ހުއްދައެއް ނެތި މިއަދުވެސް ޢުމްރާވުމަށް ބައަކު ފުރާފައިވާކަމުގެ މަޢުލޫމާތު ވަނީ ލިބިފައެވެ. ހުއްދަ ނަގައިގެން މީހުން ޢުމްރާއަށް ގެންދާ ބައެއް ޖަމާޢަތްތަކުން މީހުންނާއިމެދު ޢަމަލުކުރާގޮތުންވެސް ގިނަ ބައެއްގެ ޝަކުވާތައް އަންނަނީ ލިބެމުންނެވެ. އެފަދަ މައްސަލައެއް މިނިސްޓްރީގެ ސަމާލުކަމަށް ގެންގޮސްފިނަމަ އެމައްސލައެއް މިނިސްޓްރީން މިހާރު ގެންދަނީ ބަލަމުންނެވެ. އެފަދަ ބައެއް ޝަކުވާތައް ކުރިން ނުބަލާކަމުގެ ޝަކުވާތައްވެސް ވަނީ ލިބިފައެވެ.
މިފަދަ މައްސަލަތައް ކުރިމަތިވަމުން އަންނައިރު ހުއްދަ ނުނަގާ ބައަކު ކުރާ ކަމެއްގެ ޝަކުވާ ބެލުމަށްވެސް ހުރަސްތަކެއް ހުންނާނެކަން ފާހަގަކުރެވެއެވެ. ވީމާ މިއީ ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހިފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.
އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުރި މަޢުލޫމާތަށްބަލާއިރު މިހާރުވެސް 50 ފަރާތަކަށް ވަނީ ޢުމުރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކުރައްވައިފައެވެ.
އިސްލާމިކް މިނިސްޓްރީން ހުއްދަ ދެއްވާފައިވާ ފަރާތްތަކުގެ ލިސްޓް:
https://islamicaffairs.gov.mv/wp-content/uploads/2023/12/Registered-umra-companies-2.pdf