ސިޔާސީ ވިސްނުމުގައި ހައްޔަރުކުރި އެކަކުވެސް ނުހުންނާނެ ކަމަށާއި ސުވާލެއްކުރަން ސިޔާސީ ވިސްނުމުގަ ގެންދިޔަ އެކަކުވެސް ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ރައިސް ވިދާޅުވީ "ސިޔާސީ ވިސްނުމުގައި ހައްޔަރުކުރި އެކަކުވެސް ނުހުންނާނެ. ސުވާލެއްކުރަން ސިޔާސީ ވިސްނުމުގަ ގެންދިޔަ އެކަކުވެސް ނުހުންނާނެ. އަދި ނުވެސް ގެންދަން. އަޅުގަނޑަށް އެންމެ ރަނގަޅު ކިތަންމެވަރަކަށް ސިޔާސީ ވިސްނުމުގަ ކިތަންމެ ވަރަކަށް ކްރިޓިޒައިސް ކުރިއަސް. އަޅުގަނޑު އެބޭފުޅަކަށް ކުރިމަތިކުރުވާނެ ދަތިކަމެއް ނޯންނާނެ." ކަމަށެވެ.
ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ޤައުމުގައި ހަމަޖެހުން ޤާއިމްކުރެއްވުމަށްކަމަށާއި، ސިޔާސީ އަދި އެނޫންވެސް މީހުންނަށް ޤައުމުގައި ހަމަޖެހިގެން އުޅެވެންޖެހޭކަމަށެވެ. އެހެންކަމުން ކުރިއަށް އޮތްތާގަވެސް ޤައުމު ފެންނާނީ އެގޮތުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިޔާސީގޮތުން ބައެއް މީހުން ހައްޔަރުކުރުމަށް މަޖުބޫރުކުރާ ހާލަތަށް ކަންކަން ގެންދިއުމަށް ބައެއް ސިޔާސީ ފަރާތްތަކުން ޕްރެޝަރ ކުރައްވާކަމަށެވެ. ނަމަވެސް ރައީސް ދެއްވި ޔަޤީންކަމަކީ އަބަދުވެސް އެމަނިކުފާނު އިޚްތިޔާރުކުރައްވާނީ ރީތި އުސޫލުތައްކަމެވެ.