އދ. ގެ ގަރާރަށް އަމަލުކުރަން ރައީސް އިޒްރޭލަށް ގޮވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
އދ. ގެ ގަރާރަށް އަމަލުކުރަން ރައީސް އިޒްރޭލަށް ގޮވާލައްވައިފި

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރާ އެއްގޮތަށް އަމަލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްރާއީލަށް ގޮވާލައްވައިފިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

ރައީސް ވަނީ އދ. އިން ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް ޑިމާންޑް ކުރައްވާފައިއެވެ. އަދި އެ ގަރާރަށް ފުރިހަމައަށް ތަބާވުމަށްވެސް އިސްރާއީލަށް ގޮވާލައްވާފައިއެވެ.

ހަމަލާތައް ހުއްޓާލާނެ ކަމުގެ އުއްމީދަކީ އިސްރާއީލުން މެދުނުކެނޑި ދެމުން އަންނަ ހަމަލާތަކުގެ ތެރޭގައި ރަމަޟާން މަހުގެ ހަގީގީ ރޫހު ދައްކުވައިދެމުން އަންނަ ޣައްޒާގެ ރައްޔިތުންނަށް ލިނބިގެންދާނެ ލުޔެއް ކަމަކަށާޢި މި ހަމަލާތައް ދާއިމަށް ހުއްޓުވައި، އިސްރާއީލުން ނަސްލު ނައްތާލުމަށް ކުރަމުންދާ އަމަލުތައް ހުއްޓާލުމަށް ބައިނަލްއަގުވާމީ މުޖުތަމައު ގުޅިގެން މެދުނުކެނޑި މަސައްކަތް ކުރަން ޖެހޭކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ފަލަސްތީނަށްޓަކައި މުޅި ދުނިޔެވެސް އިތުރު ކަންކަން ކުރަން ޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މި ގަރާރު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރި 15 ގައުމުގެ ތެރެއިން 14 ޤައުމުގެ ތާއީދާއެކުގައެވެ. މިވޯޓުގައި އެމެރިކާއިން ވަނީ އެއްވެސް ކޮޅަކަށް ވޯޓު ނުދޭން ނިންމާފައެވެ.

މިއަދު އޮންލައިން