ވަޢުދުވީގޮތަށް މާލޭގައި ދިރިއުޅޭ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވިލުފުށީ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ހުޅުމާލޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ "ކުރީ ސަރުކާރުން ދިންގޮތަށް އެ ދޭން ބުނި ތަނަކުން ފްލެޓާއި ގޯތިދޭނެކަމަށް އަޅުގަނޑު ވަޢުދުވީން. އެކަން މިހާރުވެސް މިދަނީ ކުރަމުން. މި 5 އަހަރުގެ ތެރޭގައި މާލޭގައި ދިރިއުޅޭ އެންމެނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން އެއީ ވީ ވައުދެއް." ކަމަށެވެ.
ހުޅުމާލޭ ފަޅުން ހިއްކާ ބިމާއި، ގުޅީފަޅާއި ގިރާވަރުފަޅުން ހިއްކާ ބިންތަކުގެ މަސައްކަތް ނިމުމާއެކު އެތަންތަނުން ގޯތި ލިބުނު މީހުންނަށް ގޯތި ދޭނެކަމަށާއި އަދި ގޯއްޗާއި ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާ ލިސްޓުގައިވާ އެއްވެސް މީހެއްގެ ނަން އުނިވާން ބޭނުންނުވާކަން ރައީސް ވިދާޅުވިއެވެ.