މެތަޑޯން ފަރުވާ ފުރިހަމަ ކުރެވޭގޮތްތައް ޤާނޫނީ އިމުގެތެރެއިން ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ "ނޭޝަނަލް ޑްރަގު އެޖެންސީން ދޭ މަސްތުވާތަކެތީގެ ފަރުވާއެއް ކަމަށްވާ މެތަޑޯން ފުރިހަމަކުރަމުންދާ ފަރާތްތަކަށް، މަސްތުވާތަކެތީގެ ކުރީގެ މައްސަލައެއްގައި ރިހެބަށް ދިޔުމަށް ހުކުމް ކުރާ ކަމަށާއި އަދި މިގޮތަށް ހުކުމް ކުރުމުން ވަޒީފާ ދޫކޮށްލުމަށްފަހު ރިހެބަށް ދާން ޖެހޭތީ މިކަމަށް ހައްލެއް ހޯދައި ދިނުމަށް" ރައީސްގެ ޖަވާބު ޕްރޮގްރާމުގެ ތެރެއިން މއ. ސްނޯލައިޓް އާމިނަތު ނަތާޝާ ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ރައީސް ވިދާޅުވީ، މެތަޑޯން ފަރުވާ ފުރިހަމަ ކުރެވޭގޮތްތައް ޤާނޫނީ އިމުގެތެރެއިން ހަމަޖައްސަވާދެއްވާނެ ކަމަށާއި މިކަމާއި ގުޅޭގޮތުން ކަމާއި ގުޅޭ ފަރާތްތަކާއެކު މަޝްވަރާކޮށް އަދި ޓްރީމަންޓު އެއްކޮށް ފުރިހަމަ ކުރެވޭނެ ގޮތްތައް ހަމަޖެއްސުމަށް ޤާނޫނީ އިމުގެތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެކަމަށެވެ.