ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ މާ ޝާމިލްކަން ބޮޑު ގޮތެއްގައި ވީހާވެސް ގިނަ ފަރާތްތަކަކަށް ރިސްކް އެލަވެންސް ތަޢާރަފް ކުރުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ބުރަ މަސައްކަތްތައް ކުރާ ފަރާތްތަކަށް ރިސްކް އެލަވެންސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ރައީސްއާއި ހިއްސާކުރައްވާ، އެކަމަށް ކޮށްދެވޭނެ މަސައްކަތަކީ ކޮބާތޯ މީހަކު ކުރި ސުވާލާގުޅިގެނން ރައިސް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އެކި ކަހަލަ މަސައްކަތްކުރާ ކުންފުނިތައް ހިމެނޭކަމަށެވެ. އަދި އެ ކުރާ މަސައްކަތެއްގައި ރިސްކް ހިމެނޭކަމަށްވާނަމަ އެ ކުންފުންޏެއްގެ ކޯރޕަރޭޓް ސިޔާސަތުތަކުގެ ތެރެއިން އެކަން ހަމަޖެހިގެންދާންޖެހޭނެކަމަށެވެ.
"އަޅުގަނޑުމެން ބަލާނަން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާނގައި މިހާރަށް ވުރެ ރަނގަޅަށް ވީހާވެސް ގިނަ ފަރާތްތަކަކަށް، ހައި ރިސްކް އެންވަޔަރަމެންޓެއްގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭ ކުންފުނިތަކުގައި މިހާރަށް ވުރެ މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވެންސް ތަޢާރަފްކުރުމުގެ ކަންތައްތައް ކުރިއަށް ގެންދަން." ރައީސް ވިދާޅުވިއެވެ.