ދެން ފެނިގެންދާނީ ބައަކު އައިސް ހުޅުމާލެ ޓާޝަރީ ހޮސްޕިޓަލް އަޅަންފަށާތަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމުގައި ވިލިމާލޭގެ ރައްޔިތަކު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އޭނާ ކުރި ސުވާލުގައި ވަނީ ވިލިމާލޭގައި ހޮސްޕިޓަލުން މިހާރުދޭ ޚިދުމަތުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވިލިމާލޭގައި ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ތާރީޚަކާ ގުޅޭގޮތުން އޭނާ ސުވާލު ކުރިއެވެ.
ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ވިލިމާލޭގެ ޞިއްޙީ ޚިދުމަތް ރަނގަޅު ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. މިއީ މިހާތަނަށް ހައްލު ނުވެއޮތް މުހިންމު މައްސަލައެއް ކަމެއްކަން ފާހަގަކުރައްވައި ރައީސް ވަނީ އެކަން ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
"އެކަމަށް ބިންވެސް ކަނޑައަޅާފައި މިހާރު އެއޮތީ. އެހެންވީމާ އެ މަސައްކަތް (ޑިޒައިނިންގ އަދި ޓެކްނިކަލް) ނިމުނުހާ އަވަހަކަށް ދެން ފެންނާނީ އަމަލީގޮތުން ކަން ކުރަން ބަޔަކު އައިސް މަސައްކަތް ފަށާތަން. އަޅުގަނޑު ޔަގީންކަން ދެން، އިރާދަކުރެއްވިއްޔާ ވިލިމާލޭގެ ރައްޔިތުން ހިތްހަމަޖެހޭނެވަރުގެ ޓަރޝަރީ ހޮސްޕިޓަލެއް ވަރަށް އަވަހަށް ޤާއިމުކުރުމުގެ މަސައްކަތް ފެށޭނެ،" ރައީސް ވިދާޅުވިއެވެ.