އެއް ދުވަހަކު ހުކުރުކޮށް ނިމުނުތަނާ މީހަކު އައިސް ސަލާމްކުރުމަށްފަހު ކައިވެނީގެ ދައުވަތު ކާޑެއް ދިނެވެ. ބަލައިލިއިރު ތާރީޚް ޖަހާފައިވަނީ 1 އަހަރު ކުރިއަށްލައެވެ. ލިބުނީ ޙައިރާން ކަމެކެވެ. އެހައި ކުރިއަށް ކައިވެނީގެ ތައްޔާރީތައްވަމުން ގެންދާތީއެވެ. އާންމު ގޮތެއްގައި ބެލި ނަމަވެސް ކައިވެންޏެއް ކުރަން އުޅޭނަމަ 3،4 މަސް ކުރިއާލައި ތައްޔާރީތައް ވާންފަށައެވެ. އެއީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ކޮންމެ އަހަރަކު އަހަރެމެންނާއި ރަމަޟާން މަސް އެބަ ބައްދަލުކުރެއެވެ. އެއީ އަދި މާމުހިންމު ކަމެކެވެ. ރަމަޟާންމަހަށް ބަލައިފިނަމަ އެ މަހަކީ ތިމާގެ ތަޤްވާވެރިކަން އިތުރުކޮށް، ﷲ ތަޢާލާ އާއި ބާއްވަން ޖެހޭ ގުޅުންތައް ބަދަހިކުރުމަށް ލިބޭ އެންމެ އަގުހުރި ފުރުޞަތެވެ. ނަރަކައިން މިންޖުވެ ސުވަރުގެ ވަނުމަށް ލިބޭ ރަނުގެ ފުރުޞަތެވެ.
(عَنْ أَبِي هُرَيْرَةَ أَنّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَعِدَ الْمِنْبَرَ فَقَالَ آمِينَ آمِينَ آمِينَ قِيلَ يَا رَسُولَ اللَّهِ إِنَّكَ حِينَ صَعِدْتَ الْمِنْبَرَ قُلْتَ آمِينَ آمِينَ آمِينَ قَالَ إِنَّ جِبْرِيلَ أَتَانِي فَقَالَ مَنْ أَدْرَكَ شَهْرَ رَمَضَانَ وَلَمْ يُغْفَرْ لَهُ فَدَخَلَ النَّارَ فَأَبْعَدَهُ اللَّهُ قُلْ آمِينَ)
ރަމަޟާން މަސް އެމީހަކާއި ބައްދަލުވެ އެމީހެއްގެ ފާފަ ނުފުއްސެވުނު މީހާއީ ގެއްލެނިވެގެންވާ މީހެކެވެ. އެމީހާއަކީ އަބާއްޖަވެރިއެކެވެ. ޖިބްރީލްގެފާނު މިމޭރުމުން ވިދާޅުވެ އާމީން ވިދާޅުވުމަށް ވިދާޅުވުމުން ރަސޫލް (ﷺ) ވަނީ އާމީން ވިދާޅުވެފައެވެ. ރަސޫލް (ﷺ) ކަމަކަށް އާމީން ވިދާޅުވުމުން އެކަމެއް އެގޮތަށް ހިނގާނެއެވެ. އެއީ އެއްވެސް ޝައްކެއް ކުރަން ޖެހޭ ކަމެއް ނޫނެވެ. މިއީ ޞަޙީޙް ޙަދީޘްގައި ބަޔާންވެ އެނގެން އޮތްކަމެކެވެ. އަދި އެތައް ފަހަރަކު މީސްތަކުންނަށް ހަނދާންކޮށް ދެވެމުން އަންނަ ކަމެކެވެ.
ސުވާލަކީ މިއަހަރުގެ ރަމަޟާން މަސް ފެށިގެން ބާރަށް ކުރިއަށްދާއިރު އެކަމަށް ތައްޔާރުވާން ތިބާ ކުރީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް ކަމެއް ކޮށްފިން ހެއްޔެވެ؟ އެ މައްސަރުގެ ބޭނުން ހިފައި ތިބާގެ ފާފަތައް ފޮހެލުމަށް ﷲ ތަޢާލާ ދެއްވެވި ދައުވަތުގެ ބޭނުން ހިފަން ތިބާއަށް ކުރެވުނީ ކޮން މަސައްކަތެއް ހެއްޔެވެ؟ ރަމަޟާން މަސް ނިމިގެންދާއިރު ތިބާގެ ފާފަތައް ނުފޮހެވި އޮތުމުން އަބާއްޖަވެރިއަކަށްވެ ނަރަކައަށް ވަންނަން ޖެހިދާނެ ކަމަށް އެއްވެސް ވަރަކަށް ބިރު ގަންނަން ހެއްޔެވެ؟
މީސްތަކުންނޭވެ! ދުނިޔަވީ ކަންކަމަށްވެސް ތައްޔާރުވާން ޖެހޭނެއެވެ. ކޮންމެ ކަމެއްވެސް ރަނގަޅު ގޮތުގައި ކުރެވޭނީ އެކަމަކަށް ފުރިހަމައަށް ތައްޔާރުވެވިގެންނެވެ. ނަމަވެސް އިސްކަން ދޭން ޖެހޭނީ ރޫޙާނީ ކަންތައްތަކަށް ތައްޔާރުވުމަށެވެ. އާޚިރަތް ބާއްޖަވެރިކުރަން ކުރަންޖެހޭ ކަންކަން ކުރުމުގައި އިސްކަން ދިނުމަށެވެ. ނޫންނަމަ އެމީހަކަށް މިދުނިޔެވެސް އަދި އާޚިރަތްވެސް ނުލިބުމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން