އެއްވެސް މަހެއްގައި ދެމަފިރިން އެކުގައި ނިދަން ނުއޮށޯންނަނަމަ ޖެހޭނެ މައްސަލަތައް ގިނަވާނެއެވެ. އެކަން އެގޮތަށް އޮއްވައި ރަމަމާން މަހު އެކަން ނުކުރާނަމަ ޖެހޭނީ ހަމައެކަނި އެކީ ނިދަން ނުއޮށޯންނަކަމުގެ މައްސަލައެއް ނޫނެވެ. ރަމަޟާން މަހުގެ އެންމެ މުހިންމު އަޅުކަމަށް ހުރަސްއެޅި ލިބެން އޮތް ފައިދާއިން ބޮޑުބައެއް އުނިވެގެންދާނެއެވެ!
ރަމަޟާން މަހުގައިވެސް ދެމީހުން އެކުގައި ނިދަން ނޯށޯންނަ ދެމަފިރިން ބައިވަރެވެ. އެއީ ތަރާވީޙް ނަމާދުކޮށްގެން ވެސް ގޭގައި މަޑުނުވެ ކޮންމެވެސް ކަމަކު ގެއަށް ބޭރަށްދާން ދެވިހިފާފައި ތިބޭ ބައަކަށް ބޭރަށް ނުގޮސް ގޭގައި މަޑުކޮށްލަން އުނދަގުވާތީއެވެ.
ދެމަފިރިން އެކުގައި ނިދަން އޮށޯތުމުގެ ބޭނުމަކަށްވާންޖެހޭނީ ތިމާ ބޭނުންވާ ވަކި މަޤްޞަދެއް ޙާޞިލުކުރުމެއް ނޫނެވެ. އެހެނީ އެއީ ދެމަފިރިން ލޯބިން ވާހަކަދައްކާލައި ކަންކަމަށް މަޝްވަރާކޮށްލަން އެންމެ ރަނގަޅު އެއް ވަގުތެވެ.
ޚާއްޞަކޮށް ރަމަޟާން މަހު ދެމަފިރިންގެ މަޤްޞަދަކަށް ަދަންޖެހޭނީ އަވަހަށް ނިދައި އަވަހަށް ހޭލައި ދެމީހުން އެކުގައި ޛިކުރުކުރުމެވެ. ދަމުނަމާދުކުރުމެވެ. އިތުރު ރަޙްމަތަށް އެދި ދުޢާކުރުމެވެ. ދަރިން ތިބިނަމަ ގޭތެރޭގެ ހަލަބޮލިކަންވެސް އެންމެ ކުޑަވާނީ ދަރިން ނިދާފައި ތިބޭ ވަގުތުގައެވެ. ދަރިން ހޭލައްވައި ހާރުކެއުމާއި ދެމެދުގައި ލިބޭ ވަޤުތުގައެވެ. ހާރުކައިގެން އޮތީ ޛިކުރުކޮށްލާފައި އަވަހަށް ގޮސް ފަތިސްނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމެވެ.
ތަކުރާރުކޮށްލާނަމެވެ. ރަމަޟާން މަސް އައުމަކީ ދެމީހުން އެކުގައި ނިދަން އޮށޯތުން ދޫކޮށްލައިގެންވާނެ ކަމެއް ނޫނެވެ. އެކުގައި ނިދަން އޮށޯތުމުގެ އެންމެ ބޮޑު ބޭނުމަކަށް ހަދަންޖެހޭނީ ދެމީހުންގެ ގުޅުން ތާޒާކުރުމެވެ. އެކަން ނުކުރާނަމަ ވަރިފަށަށް އެރުން ކައިރިވާނެއެވެ. މިއީ ތަޖުރިބާއިން އެނގޭ ކަމެކެވެ. އެކަންކަން ކުރިމަތިވީމާ ދެން ޙައްލު ހޯދަން އުޅުނަސް ގިނަ ފަހަރު އޮންނާނީ ކާމިޔާބު ނުކުރެވިފައެވެ.
ރަނގަޅަށް ހަނދާންކުރާށެވެ! ރަމަޟާން މަސް އައުމަކީ އެއްވެސް ޙާލެއްގައި ރޭގަނޑުގެ ވަގުތުތަކުގައި ދެމަފިރިން ދުރުހެލިވާންޖެހެންވީ ސަބަބެއް ނޫނެވެ. އެއަށްވުރެ ﷲ ތަޢާލާގެ ދީލަތިވަންތަކަން މާބޮޑެވެ! އަހަރެމެންނަށް ބާނުންވާނެ ކަންކަން އެކަލާނގެ މާމޮޅަށް ދެނެވޮޑިގެންވެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން