ހުޅުމާލެ 2ވަނަ ފިޔަވަހީގެ ހިޔާ ފްލެޓް ސަރަހައްދުގައި ވަރަށް އަވަހަށް ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ރައްޔިތަކު ދެންނެވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާ ގުޅިގެން އެކަމުގެ ކަންބޮޑުވުން ރައީސްއާ ހިއްސާކޮށް އަދި އެ ސަރަހައްދުގައި އެފަދަ ވަސީލަތްތައް ޤާއިމުކުރެވޭނީ ކޮންއިރަކުތޯ ރައީސްއާ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ވިދާޅުވީ ހިޔާ ސަރަހައްދުގައި ކުރަންޖެހޭ މަސައްކަތްތައް ކުރިން ހުރީ ނުކޮށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މިހާރު ހުޅުމާލެ 2ވަނަ ފިޔަވަހީގައި ޕާކުތަކާއި ކުޅިވަރު ކުޅޭނެ ވަސީލަތްތައް ޤާއިމްކުރުމަށް ޕްލޭންކޮށްފައިވާކަމަށާއި އެމަސައްކަތް ވަރަށްއަވަހަށް ފަށްޓަވާނެ ކަމަށެވެ.
"ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތަކެއް، ކުޅިވަރު ކުޅޭނެ ކޯޓުތަކާއި، ޕާކްތައް ހެދުމުގެ މަސައްކަތްކުރުމަށް ނިންމާފައިވަނީ، ހިޔާ ސަރަހައްދަކީ ގިނަ ބަޔަކު އުޅޭ ސަރަހައްދަކަށްވުމުން ވަރަށް އަވަހަށް އެޗްޑީސީ މެދުވެރިކޮށް، އެހެން ފަރާތްތަކާއި ގުޅިގެން އެމަސައްކަތްކުރާނަން، ކަނބަލުންނަށް ބޭނުންވާ ހޭންޑު ބޯލް ކޯޓުތައްވެސް ހިމެނޭނެ،" ރައީސް ވިދާޅުވިއެވެ.