އިޤްތިޞާދުގައި ބުންވަރު ޖައްސަމުން ގެންދާނީ ފައިސާ ޗާޕްނުކޮށް، ދަރަނިވެސް ދައްކަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޤައުމީ ދިފާޢީ ބާރުގެ ވައިގެ ބާރު އުފައްދަވައި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސް ވިދާޅުވީ މިޤައުމުގެ އިޤްތިޞާދުގައި ބުންވަރު ޖައްސަމުން ފުޅާކުރައްވަމުން ގެންދަވާނީ ފައިސާ ޗާޕްނުކޮށް، އަދި ދަރަނިވެސް ދައްކަމުންކަމަށެވެ. މީގެ އިތުރުން އިޤްތިޞާދު ފުޅާކުރައްވާނީ އިންވެސްޓްކުރާނެ އިންވެސްޓަރުންނަށް ޔަޤީންކަން ހޯދައިދެމުންކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ޔަޤީންކޮށްދެއްވާނެކަމަށާއި، ކޮންމެ ރައްޔިތަކީވެސް ދިވެއްސަކަށްވީތީ ފަޚުރުވެރިވާ ބަޔަކަށް ވާންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އިޤްތިޞާދު ނަގާ ކޮޅަށްޖަހައި އިޤްތިޞާދީ ގޮތުން މިނިވަންކަން އޮތް ބަޔަކަށް ދިވެހިންވާކަން ޤަބޫލުކުރަންޖެހޭކަމަށެވެ. އެއީ ދިވެއްސަކަށް ވީތީ ފަޚްރުވެރިވާންޖެހޭ ކަމެއްކަމަށެވެ.