މި ދައުރުގެ ތެރޭގައި ކޯސްޓުގާޑުގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހި އަސްކަރިއްޔާގެ ވައިގެ ބާރު އިފްތިތާޙުކުރުމާއި، އަންމޭންޑް އޭރިޔަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާރު ބޭނުންކުރާ ކޯސްޓުގާޑުގެ އުޅަނދުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި ބައެއް ތަކެތި ހުރީ ބޭނުން ކުރެވޭ ހާލަތުގައި ނުންކަމަށެވެ. އަދި އެއީ ހިތާމަ ހުރި ކަމެއްކަމަށާއި އެތައް އަހަރެއް އެކަންކަން ހައްލުކުރުމަށް ސަމާލުކަން ދީފައިނުވާކަން ރައީސް ފާހަގަކުރެއްވިއެވެ.
"އާދައިގެ މެދު ސައިޒުގައި ހުރި ވެސެލްތަކަކީ ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދު ދިހަ ވަރަކަށް ބާރަ ވަރަކަށް އުޅަނދު އޮތް ނަމަވެސް ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ހަލާތުގަ ހުރި. މިއީ ހިތާމަ ހުރި ކަމެއް.އެތައް އަހަރެއް މިދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި. އެހެން ނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފަނުގެ ފަސް އަހަރުގެ މި ދައުރުގެ ތެރޭގައި ދިވެހި އަސްކަރިއްޔާގައި ބޭނުންކުރާ ކޯސްޓުގާޑުގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެކަމަށް އެކި ސައިޒުގެ އުޅަނދުތައް ހޯދައިދެއްވާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ތުރުކީއާއި އެހެނިހެން ޤައުމުތަކާއެކު ކުރައްވަމުން އަންނަކަމަށެވެ.