ޒުވާން ޚަތީބުން: މިއަދަކީ ދީނުގެ ކަންކަމަށް އިސްނެގުމުގެ ފުރުޞަތު ޒުވާން ކުޑަކުދިންނަށް ދިނުމުގެ އުފާވެރި ނަތީޖާ ފެނިގެންދިއަ ފަޚުރުވެރި ދުވަހެއް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
ޒުވާން ޚަތީބުން: މިއަދަކީ ދީނުގެ ކަންކަމަށް އިސްނެގުމުގެ ފުރުޞަތު ޒުވާން ކުޑަކުދިންނަށް ދިނުމުގެ އުފާވެރި ނަތީޖާ ފެނިގެންދިއަ ފަޚުރުވެރި ދުވަހެއް!

ރާއްޖޭގެ މިސްކިތްތަކުގައި ޢުމުރުން 18 އަހަރުން ދަށުގެ ކުދިން އިމާމުވެ ހުކުރުކޮށްފިއެވެ. މިއަދަކީ ދީނުގެ ކަންކަމަށް އިސްނެގުމުގެ ފުރުޞަތު ޒުވާން ކުޑަކުދިންނަށް ދިނުމުގެ އުފާވެރި ނަތީޖާ ފެނިގެންދިއަ ފަޚުރުވެރި ދުވަހެކެވެ.

މާލެ ސަރަޙައްދުގައި 4 މިސްކިތެއްގައި އިމާމުވެ ހުކުރު ކޮށްފައިވަނީ 4 ކުދިންނެވެ. ޒުވާން ޚަޠީބުންގެ ތެރެއިން މަސްޖިއްދުއްސުލްޠާން ޙަސަން ޢިއްޒުއްދީންގައި އިމާމުވެ ހުކުރުކޮށްފައިވަނީ ސުލައިމް މުޙައްމަދު ލަޠީފެވެ. ޢީދު މިސްކިތުގައި ހުކުުރުކުރީ ޢަބްދުލްމަތީން މުޙައްމަދުއެވެ. އަދި މާލޭ ހުކުރު މިސްކިތުގައި ހުކުރުކުރީ ނައުފަން ނިޔާފް އަދި ހުޅުމާލޭ މަސްޖިދުލް އަމާނީގައި އިމާމުވެ ހުކުރުކޮށްފައިވަނީ ޙުސެއިން ޒައިން ޢަލީއެވެ.

މީގެއިތުރުން މިއަދު ތިނަދޫ ސިޓީގައި އިމާމުވެ ހުކުރުނަމާދު ކުރީ އެ ސިޓީގެ ތާރީހުގައި ވެސް ހުކުރު ނަމާދު ކުރި އެންމެ ޒުވާން ޙަތީބެވެ.

ތިނަދޫގެ އެންމެ މައި މިސްކިތް ކަމަށްވާ މަސްޖިދުއްޝައިޚު ޞިދުޤީ (އިސްލާމީ މަރުކަޒުގައި) އިމާމްވެ ހުކުރު ނަމާދު ކުރައްވައި ޚުތުބާ ދެއްވީ ތިނަދޫގައި ހުރެ މަދުރަސީ ހަޔާތް ނިންމަމުންދާ އަލްހާފިޒު އާހިލް މުހައްމަދު ޒާހިރުއެވެ.

މިކަމާގުޅިގެން ތިނަދޫ ކައުންސިލުން ބުނެފައިވަނީ އާހިލްއަކީ ސެކަންޑަރީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ދަރަޖަވެސް ހޯދާފައިވާ ތިނަދޫ ސިޓީގެ ފަޚުރުވެރި ދަރިއެއް ކަމަށެވެ. އާހިލްގެ އަމިއްލަ ނަފްސަށާއި، އޭނާގެ އާއިލާއަށާއި، ތިނަދޫ ސިޓީގެ ރައްޔިތުންނަށް އަނެއްކާވެސް އާހިލްގެ ފަރާތުން ލިބިގެން މިދިޔައީ ފަހުރުވެރި ހެޔޮ ފެށުމެއް ކަމަށް ވެސްބުންޏެވެ.

މިއީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިންތިޒާމުކުރައްވައިގެން ކުރިއަށްގެންދިޔަ ޒުވާން ޚަޠީބުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ދަށުން ތަމްރީންކޮށްފައިވާ ކުދިންތަކެކެވެ.

މިއަދު އޮންލައިން