މަސްވެރިން އެންމެ ބޮޑަށް ބޭނުންވެގެން ތިބި ހަދިޔާ ރޯދައަށް މަސްވެރިންނަށް ސަރުކާރުން ދިފިއެވެ. އެގޮތުން ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މިފްކޯއާ ހަވާލުކޮށްފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް މާލީ ވުޒާރާއިން މިހާރު މިފްކޯއަށް ދޫކޮށްފައި ކަމަށާއި އަދި އޮޑިވެރިންނަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް މިފްކޯއިން މިހާރު ކުރަމުން އަންނަ ކަމަށެވެ.
ބީއެމްއެލްގެ އެކައުންޓްތަކަށް މިރޭ ނޫނީ މާދަމާ ފައިސާ ޖަމާކުރެވޭނެކަމަށާއި ނަމަވެސް އެނޫން ބޭންކެއްގެ އެކައުންޓެއް ގެންގުޅޭ ފަރާތެއް ކަމުގައިވާނަމަ މާދަމާއަކީ ބަންދު ދުވަހެއް ކަމުގައިވުމުން ފައިސާ ޖަމާކުރުމުގައި ލަސްވެެދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
މަސްވެރިންނަށް މިފްކޯއިން ނުދީ ހުރި ފައިސާ ރޯދައިގެ ކުރިން ދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު ވަނީ މިމަހު ހާމަކުރައްވާފައެވެ. އަދި މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރައްވާގޮތަށް ބަދަލުކުރައްވާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.