ސަރުކާރަށް ފާޑުކިޔައިގެން އެއްވެސް މުވައްޒަފަކަށް ފިޔަވަޅެއް ނާޅުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ފާޑު ކިޔާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅަމުންދާކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެން ޅ. ކުރެންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް ނުވަތަ ސަރުކާރަށް ފާޑު ކިޔުމަކީ މައްސަލައެއްކަމަށް އެމަނިކުފާނު ދެކެވަޑައިނުގަންނަވާކަމަށެވެ. އަދި ބިނާކުރަނިވި ފާޑު ކިޔުންތަކަށް މަރުހަބާވެސް ވިދާޅުވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ނޫހަކުން ފެނުނީ ސަރުކާރު ކުންފުންޏަކުން ކޮންމެސް މުވައްޒަފަކާމެދު ފިޔަވަޅު އެޅީކަމަށް އަޅުގަނޑާއި ދިމާލަށް އެެއްޗެއް ބުނެގެން. އަޅުގަނޑު ގުޅިން އެ ކުންފުނީގެ އެމްޑީއަށް. އަދި އެއީ ތެދެއްތޯ އެހިން. އަޅުގަނޑު ބޭނުމެއް ނޫން އަޅުގަނޑާއި ދިމާލަށް އެއްޗެއް ބުނެގެން ފިޔަވަޅު އަޅާކަށް. އެކަހަލަ ކަންތައް ކުރާ މީހެއް ނޫން އަޅުގަނޑަކީ އެއްވެސް އިރެއްގައި" ރައީސް ވިދާޅުވިއެވެ.
ޤާނޫނާއި ގަވާއިދުތަކުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުރިހާ ފަރާތްތަކަށްވެސް އޮންނާނެކަމަށާއި އެެމަނިކުފާނަކީ މީހަކު ބުނާ ބަހަކުން ނުވަތަ ފާޅުކުރާ ހިޔާލެއްގެ ސަަބަބުން އެމީހަކާމެދު ފިޔަވަޅު އަޅުއްވާނެ ބޭފުޅެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.