ފެނަކައާ ހަވާލުކުރި ބައެއް އައިސްޕްލާންޓުތަކުގެ މަސައްކަތް ކުރިއަށްނުދާތީ މިފްކޯއާއި ހަވާލުކޮށްފައިވާކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ، "މިފްކޯއިން ހިންގަމުން އައި 17 އައިސްޕްލާންޓެއްވަނީ ފެނަކައާ ހަވާލުކޮށްފައި، އޭރުގެ ސަރުކާރުން ނެންގެވި ޑިޒިޝަނެއް، މީގެތެރެއިން 9 އައިސްޕްލާންޓަކީ އަލަށް ގާއިމްކުރާ އައިސްޕްލާންޓުތައް، އައިސް ޕްލާންޓުތައް ވީހާވެސް އަވަހަށް ގާއިމްކުރުމަށް މަސައްކަތްކުރިއަށް ނުދާ 8 ޕްލާންޓު މިހާރުވަނީ މިފްކޯއާ ހަވާލުކޮށްފައި،" ކަމަށެވެ.
ފެނަކައިން އައިސްޕްލާންޓުތަކާއި ހަވާލުވެފައިވަނީ ދަށް އަގެއްގައި ކަމަށާއި، އެއަގުގައި އެމަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ފެނަކައިން ވިދާޅުވެފައިވާ ކަމަށާއި، އެހެންކަމުން މި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް މިފްކޯއާ ހަވާލުކުރައްވާފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.
ޝިޔާމު ވިދާޅުވީ މިފްކޯއާ ހަވާލުކުރައްވާފައިވާ އައިސްޕްލާންޓުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.