ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް މިހާރު ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މ.ދިއްގަރުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލްތަކަށް ފަޅު ރަށް ދޫކުރާ މުއްދަތު 10 އަހަރުން 25 އަހަރަށް އިތުރުކުރުމަށް މިހާރު ނިންމަވާފައިވާކަމަށާއި އަދި އިޙްތިޞާސުގައި ހިމެނޭ ރަށްތަކުން ފަޅު ރަށެއް ހޯދުން ނުވަތަ ކައިރީގައި ފަޅު ރަށް ނެތް ރަށްތަކަށްވެސް ފަޅު ރަށް ހޯދުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
މިގޮތަށް ދޫކުރުމަށް މިހާތަނަށް 25 ރަށުގެ ލިސްޓެއް ސަރުކާރުން ވަނީ ގެޒެޓުކޮށްފައިކަމަށާއި އަދި އެ ލިސްޓަށް ރަށްތަށް އިތުރުކުރައްވަމުންދާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކައުންސިލްތައް ގުޅިގެން އާމްދަނީ އިތުރުކުރުމާއި ފަރުދީ ވިޔަފާރި އިތުރުކުރަން ބޭނުންވޭ. މީގެކުރީގައި ކައުންސިލްތައް ވިޔަފާރިކުރުމާއި އާމްދަނީ ހޯދުމުގެ މަސައްކަތް ކުރުމަށް ހުއްދަ ހޯދުން ވަރަށް އުނދަގީ ކަމެއްގެ ގޮތުގައި. މި ދޫކުރާ ފަޅުރަށްތައް ފަސޭހައިން ލިބޭނެ ގޮތް ހޯދައިދީ، އަދި އެތަންތަނުގައި ވިޔަފާރިތައް ފެށުމަށް ފަސޭހައިން ހުއްދަތައް ލިބޭގޮތް ހަދައިދޭނަން. ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ކައުންސިލްތަކަށް ދޭނަން." ރައީސް ވިދާޅުވިއެވެ.