ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ނުހޯދާ، ޕްރޮޖެކްޓްތައް ހިންގުމުގެ ސަޤާފަތް ދޫކޮށްލާނަން: ރައިސް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ނުހޯދާ، ޕްރޮޖެކްޓްތައް ހިންގުމުގެ ސަޤާފަތް ދޫކޮށްލާނަން: ރައިސް

ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ނުހޯދާ، ޕްރޮޖެކްޓްތައް ހިންގުމުގެ ސަޤާފަތް ދޫކޮށްލައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.


މުލަކަތޮޅު މުލަކު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މީގެކުރީގައި މަޝްރޫޢުތައް ހިންގުމުގައި ރައްޔިތުންނާ ކައުންސިލްތަކުގެ ޚިޔާލު އެއްވެސް ވަރަކަށް ނުހޯދާވެސް މަސައްކަތްތައް ފަށާފައި އެބަހުރިކަމަށާއި އޭގެ ސަބަބުން މަސައްކަތްތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށްނުދިއުމާއި ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތުގައި އެކަންކަމުގެ ފައިދާ ކުރަމުން ނުދާކަމަށް ވިދާޅުވިއެވެ. އަދި ޕްރޮޖެކްޓްތައް ފަށާ ފަހުން ބަދަލުތައް ގެންނަންޖެހޭކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން ރައްޔިތުންނާއި، ކައުންސިލްތަކުގެ މަޝްވަރާއާއި ޚިޔާލު ނުހޯދާ، ޕްރޮޖެކްޓްތައް ހިންގުމުގެ ސަޤާފަތް މިސަރުކާރުން ދޫކޮށްލައްވާނެކަމަށެވެ.

މީގެއިތުރުން ރައީސް ވަނީ މުލަކު ކައުންސިލާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތް ތަރައްޤީކޮށްދެއްވައި، ޕިކްނިކް އައިލެންޑެއް އަތޮޅުގައި ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އޭ.ޓީ.އެމް ގެ ޚިދުމަތް އަތޮޅުގެ އާބާދީ ބޮޑު ރަށްރަށުން ލިބުމަށް އެދޭކަމަށާއި، މާލެ ދަތުރުކުރެވޭނެ ރަނގަޅު ލުއިފަސޭހަ ގޮތެއް އެދޭކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަތޮޅުގައި ހަދަން ފަށާފައިވާ ރިސޯޓްތައް އަވަހަށް ނިންމަވައިދެއްވުމަށާ، މަސް ބަނދަރުގެ މަސައްކަތް އަވަހަށް ނިންމަވައިދެއްވުމަށްވެސް އަތޮޅު ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މިއަދު އޮންލައިން