ކްލާސްރޫމްތައް އޭސީކުރުމަށް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 25ސ
ކްލާސްރޫމްތައް އޭސީކުރުމަށް އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރަން: ރައީސް

ސްކޫލުތަކުގެ ކްލާސްރޫމްތައް އޭސީކުރަން މަގުފަހިވާގޮތަށް އަންނަ އަހަރުން ފެށިގެން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކެއް ސްކޫލުތަކުގައި ފެށުމަށް ގަސްދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިރޭ މީދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސްކޫލުތަކުގެ ކްލާސްރޫމުތައް އޭސީ ކުރުމަކީ ކިޔަވާކުދިންނާ ޓީޗަރުންނާ އަދި ސްކޫލުތަކުންވެސް ވަރަށް ބޮޑަށް އެދެމުން އަންނަ ކަމެއްކަމަށެވެ.

ހަމައެހެންމެ، އެމަނިކުފާނު ރަށްރަށަށް ކުރައްވާ ދަތުފުޅުގައި ރަށްރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދޭ އެއްކަމަކީ ހޭންޑް ބޯލް ކޯޓުތައް ގާއިމުކުރުންކަން ފާހަގަކުރައްވައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ވީހާވެސް ގިނަ ރަށެއްގައި ހޭންޑް ބޯލް ކޯޓުތައް ގާއިމު ކޮށްދެއްވާނެކަމުގައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ދ.މީދޫގައި ހިއްކާފައި އޮތް ބިމަކީވެސް 10 އަހަރު ވެފައިވާ ބިމެއްކަމަށެވެ. އެގޮތުން 17 ހެކްޓަރުގެ ބިމުން ކޮންމެވެސް ވަރަކަށް ގޯތި ދޫކޮށްފައި ހުރިނަމަވެސް މިހާތަނަށް އެ ބިމުގައި މީހުން އާބާދުވެވޭގޮތް ވެފައިނުވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
އަދި އެ ބިމުގައި މީހުން އާބާދުވެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ އަސާސީ ޚިދުމަތްތައް، ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާނެކަމަށާއި އެގޮތުން ފެނާއި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކޮށް، އެތަނުގައި މީހުން އާބާދުވުމަށް ކުރަންޖެހޭ މަސައްކަތް އަވަސްކުރައްވާނެކަމަށް ރައީސް  ވިދާޅުުވިއެވެ.

"ބިން ހިއްކިފަ އެބަހުރި. އެކަމަކު އެތަނުގެ ބޭނުން ހިފުނުކަމަށްވަނީ އެތަނުގައި މީހުން އާބާދުވެ ދިރިއުޅެން ފެށުނީމަ. އެކަމަށް ހުރަހަކަށްވަނީ އަސާސީ ޚިދުމަތްތައް އެ ސަރަޙައްދުގަތުތަކުގައި ޤާއިމުވެފައި ނެތުން. އެހެންވީމައި މިގޮތަށް ހިއްކާފައި ހުރި ހުރިހާ ބިންތަކުގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި މަގުތައް ހަދައިދޭނަން. އޭރުން އެ ބިންތަކުގައި އާބާދު ކުރެވޭނީ." ރައީސް ވިދާޅުވިއެވެ.

ރަށުގެ ކައުންސިލުންނާއި ރައްޔިތުން އެދިފައިވާގޮތަށް، މީދޫގައި މަދުވެގެން 200 ހައުސިން ޔުނިޓް ތަރައްޤީކުރުމުގެ މަޝްރޫއު ހިންގަވައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މީދޫއާ ވަކިން ހިއްކާފައިވާ ސަރަޙައްދު އެރަށާ ގުޅުވާލުމާއި އެސަރަޙައްދުގައި ފެނާއި ނަރުދަމާ އަދި ކަރަންޓު އަދި މަގުހެދުން ފަދަ އަސާސީ ޚިދުމަތްތައް ޤާއިމުކޮށްދެވާނެކަމުގައި ވިދާޅުވިއެވެ. އަދި އެސަރަޙައްދުގެ މަގުތައް ހަދާނީ ރަށުގެ މަގުތަކާވެސް އެކުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މުޅި ރާއްޖޭގައި ހައުސިންގ މަޝްރޫޢު ކުރިޔަށްގެންދާއިރު މީދޫގައި މަދުވެގެން 200 ހައުސިންގ ޔުނިޓް ގާއިމުކޮށްދެއްވާނެކަމަށާއި އެރަށުގެ ބަނދަރު އިތުރަށް ބޮޑުކޮށް ފުޅާކޮށް ރައްޔިތުން އެދޭބަދަލުތަކާއެކު ތަރައްޤީކުރުމާއި އެނޫންވެސް ރަށުގެ ތަރައްޤީއަށް ކުރަންހުރި ހުރިހާ ކަމެއް ފުރިހަމަ ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދު އޮންލައިން