61 ޕޮލިސް ސްޓޭޝަނެއް އަޅަން 50 މިލިއަން ރުފިޔާ ބޭރުގެ ކުންފުންޏަކަށް ދިންމައްސަލައެއް ބަލައި ތަޙްޤީކުރުމަށް ދިވެހިންގެ ފުލުހުންގެ ޚިދުމަތަށް އަންގަވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ބިލްޑިންގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ނިމުނު ސަރުކާރުގައި ރާއްޖޭގެ 61 ރަށެއްގައި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމަށް ނިންމާ އެރަށްރަށަށް އެކަން އަންގަވާފައިވާތީ ރައީސް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަޑައިގެންނެވި ރަށްރަށުގެ ކައުންސިލްތަކުން މިކަމާ ގުޅިގެން ސުވާލުކުރައްވާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ދާޚިލީ ސަލާމަތާ ބެހޭ ވުޒާރާއިން ބެއްލެވި ބެއްލެވުމުން ފާހަގަކުރެއްވުނު މަޢުލޫމާތު ވަޒީރުވަނީ ޙިއްސާކުރައްވާފައެވެ.
އިހުސާން ވިދާޅުވީ މިނިސްޓްރީގެ ހުރި މި މަޝްރޫއުގެ ލިޔެކިޔުންތަކަށް ބަލާލުމުން، 2019 އަހަރުގެ އޮގަސްޓް 26 ވަނަ ދުވަހު ރާއްޖޭގައި 61 ޕޮލިސް ސްޓޭޝަން އިމާރާތްކުރުމަށްޓަކައި 41.18 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ރާއްޖޭގައި ހިންގުމަށް އިންޑިއާ ޕްރޮޖެކްޓްސް އެންޑް ޑިވެލޮޕްމަންޓްސް، އިންދްރާ ޕްރޮޖެކްޓްސް ކިޔާ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.
އަދި އޭރު ސަރުކާރުން އެކަމަށް އިޖާބަ ދިނުމުން މިޕްރޮޖެކްޓްގެ ޓާމްގެ ގޮތުގައި %85 މިޕްރޮޖެކްޓަށް ފައިނޭންސް ކުރާނީ އިންޑިއާގެ އެގްޒިމް ބޭންކް މެދުވެރިކޮށް ކަމަށާއި އަނެއް %15 ފައިނޭންސް ކުރުވާނީ ދވެހި ސަރުކާރު މެދުވެރިކޮށް ކަމަށް ނިންމާ ޕްރޮޖެކްޓް ޕްރޮޕޯސަލް ހަދާ އެގްރީމެންޓެއް ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.
"އެއަށްފަހުގައި 12 އޮކްޓޫބަރު 2022 ވަނަ ދުވަހު އެބަ އޮތް ރެކޯޑުތަކުން ފެންނަން، މި ދެންނެވި އިންދްރާ ޕްރޮޖެކްޓްސް، އޭބީއެލް އިންދްރާ ޕްރޮޖެކްޓްސް ޖޭވީ ކިޔާ ޕާޓްނަރޝިޕަކަށް ރާއްޖޭގައި ބަދަލުކޮށް ރަޖިސްޓަރކޮށްފަ. މި މައުލޫމާތުގެ އަލީގަ ދެން ސަރުކާރުން ޑީލް ކުރަން ފަށާފަ މިއޮތީ މިދެންނެވި ޖޮއިންޓު ކުންފުންޏާ ނުވަތަ ޕާޓްނާޝިޕާ އެކުގައި." އޭނާ ވިދާޅުވިއެވެ.
"މިހާތަނަށްވެސް މިކުންފުނި ހުރި ތަނެއްވެސް ކުންފުންޏާ ވާހަކަދައްކަންޖެހޭ މީހެއްވެސް އެކުންފުނީގެ ފަރާތުން މިދެންނެވި ޕޮލިސް ސްޓޭޝަންތައް އަޅަން ކުރިއަށްދާން ޖެހޭގޮތްވެސް އަދި ނުހޯދޭ. މިހާރުވާނީ ދިވެ ފުލުހުންގެ ޚިދުމަތަށް މިމައްސަލަ ތަޙްޤީގުކޮށް ބަލާދިނުމަށް އެދި ދަންނަވާފައި. ސަބަބަކީ ދައުލަތުގެ 50 މިލިއަން ރުފިޔާ ކޮންމެވެސް ކުންފުޏަކަށް ގޮސްސަ އެއަށް އަދި ވީނުވީއެއް ނޭނގޭތީ" ވަޒީރު އަލީ އިހްސާން ވިދާޅުވިއެވެ.