ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ- ދިވެހިރާއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ވަގުތުން ހުއްޓާލަންޖެހޭ- ދިވެހިރާއްޖެ

ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލައި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސް ކުރުމަށް ރާއްޖެއިން ގޮވާލައިފި. 

ފަލަޞްޠީނުގެ މައްސަލައިގައި އޯއައިސީއިން ބާއްވަމުންދާ ޚާއްޞަ ޖަލްސާގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަމުން، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ފަލަޞްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިނގަމުންދާއިރު އަޅައި ނުލައި ތިބެވެން ނެތް ކަމެވެ. އަދި މިކަމަކީ ކުއްލިއަކަށްއަމާންކަމާއެކު އުޅުމުގެ ޙައްޤު ފަލަޞްޠީނުގެ ރައްޔިތުންނާއި ކުޑަކުދިންނަށް އޮންނަން ޖެހޭނެ ކަމުގައެވެ.

މީގެ އިތުރުން ޑރ ޝަހީމް ވިދާޅުވީ ބައިނަލްއަޤުވާމީ ޤާނޫނަށް ވުރެ މަތީގައި ވަކި ޤައުމަކަށް އޮވެވިގެން ނުވާނެކަމަށާއި އިޒްރެއިލްގެ އަނިޔާވެރި ޢަމަލުތަށް ހުއްޓުމަކަށް ގެނައުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަންޖެހޭ ވަގުތު އަތުވެއްޖެ ކަމުގައެވެ. އަދި ނަސްލެއް ނައްތާލަން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އިންސާނިއްޔަތާ ޚިލާފަށް އިޒްރެއިލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތަކަށް ފިޔަވަޅު އަޅަން ގޮވާލެއްވިއެވެ.

ފަލަޞްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރަން ޖެހޭ ވަގުތަކީ މިއީކަމާއި ދިވެހިރާއްޖެއިން އަބަދުވެސް ދެމި އޮންނާނީ ފަލަޞްޠީނާއެކުގައި ކަމަށާއި ފަލަޞްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރެވެން އޮތް ހުރިހައި ކަމެއް ރާއްޖެއިން ކުރާނެ ކަމުގެ ޔަޤީންކަން މިޖަލްސާގައި ޑރ ޝަހީމް ދެއްވިއެވެ.

 

މިއަދު އޮންލައިން