މި ސަރުކާރުން މި މަސައްކަތް ކުރަނީ، އިޤްތިޞާދުގައި ބުންވަރު ޖައްސައިދީ، ރާއްޖެއަށް އިތުރު އިންވެސްޓަރުން ގެނައުމަށާ، އިންވެސްޓަރުންނަށް އިތުބާރު ހޯދުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކެންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 'އިންވެސްޓަރ ކޮންފިޑެންސް' ނުގެނެސް ރާއްޖެއަށް އާމްދަނީ އިތުރެއް ނުވާނެކަމަށެވެ. އަދި އެކަމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ވަނީ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެއަށްފަހު، އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުން ކުރާ ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާ ނެރެދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.
މިރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޤައުމުގެ އިޤްތިޞާދު އޮތް ދަށް ހާލަތުގެ މައްޗަށް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ، ފައިސާ ޗާޕުނުކޮށް އިތުރަށް ރުފިޔާގެ އަގު ވައްޓައިނުލާ، އިޤްތިޞާދު ވަރުގަދަކުރުމަށް ކަމުގައެވެ. އެގޮތުން "ފައިސާ ޗާޕުކުރުމަކީ، މި ރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރަން އޮތް އޮޕްޝަނެއް ނޫން (ޙައްލެއް ނޫން)" ކަމަށާ، އިޚްލާސްތެރިކަމާއެކީ ރައްޔިތުންނަށް ހެޔޮއެދިގެން ކަމެއް ކުރުމަށް ބޭނުންވާނަމަ ފައިސާ ޗާޕު ނުކުރާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ ބަދަލުގައި މި ސަރުކާރުން ކުންފުނިތައް ވަރުގަދަކުރުމަށާއި ކުންފުނިތަކުގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތްތަކެއް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ޤައުމަށް ފައިސާ ވަންނާނެ ދާއިރާތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްކަމަށާއި، ހަމައެކަނި ފެނަކަ ކުންފުނިންވެސް 4 ބިލިއަން ރުފިޔާ އެކި ކުންފުނިތަކަށް ނުދައްކާ އޮތްކަމަށެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އެތައް ޚިދުމަތެއް ނުލިބި އޮތްކަންވެސް ލިބުމާއި ހަމައަށް ނުގޮސް އެތައް މަސައްކަތެއް އެބަހުރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށްކަމަށް ކަމަށާއި އެގޮތުން އަމިއްލަ ކުންފުނިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ދައްކައި، ވަރަށް ގިނަ ރަށްތަކުގައި ހުއްޓިފައި ހުރި މަސައްކަތްތައް އަލުން ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކެންދޫއަކީ، ރައީސް މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި އަށްވަނަ މަންޒިލެވެ.