އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރެއްވުރެ ބިލުތައް ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުންފުނިތަކަށް އަންގަވައިފިއެވެ.
ބ.އަތޮޅުގެ އޭދަފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރައްވަނީ ރަމަޞާންމަހު ރައްޔިތުންނަށް ވިހާވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދެއްވުމަށްކަމަށެވެ. އެގޮތުން އާއްމުކޮށް ރަމަޞާންމަހު ބައެއް ބިލުތައް ބޮޑުވާ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ގޮތްތަކެއް ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އާއްމު މަސްމަހުގައި ގޭބިސީތަކުގެ ބިލަށް އަރާ މިންވަރެއްވުރެ ބިލުތައް ބޮޑުނުވާނޭގޮތަށް ބިލުކުރުމަށް ކުންފުނިތަކަށް އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ކުންފުނިތަކުން ވަނީ ޔަގީންކަން ދީފައި، ކިތަންމެ ލޯޑު ބޮޑުވިނަމަވެސް، އާއްމު ރޭޓުގައި ބިއްލަތައް ހިފަހައްޓަނެކަމަށް. ކުންފުނިތަކުގެ އެމްޑީން ވަނީ އެ ޔަގީންކަން ދެއްވާފައި. އާއްމު މަސްތަކުގައި ޔުޓިލިޓީ ބިލްތައް ހުންނަ ކެޕްގައި ބިލަށް އަރާނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނަށް ލުޔެއް ދޭން ފެން ބިލާއި ކަރަންޓު ބިލް ވެސް އާންމު މަހެއްގައި ހުންނަ ވަރަށް ކިތަންމެ ލޯޑް ބޮޑުވިޔަސް އިތުރަކަށް ރައްޔިތުންގެ އަތުން އެއްޗެއް ނުނަގާނެ ކަމަށެވެ.