ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، އުފެއްދުން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 29ސ
ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، އުފެއްދުން: ރައީސް

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި އުފެއްދިދާނެ ހުރިހާ ކާބޯތަކެއްޗެއް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް، ރާއްޖޭގައި އުފެއްދުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިނގުރައިދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރުއްޔާ ވަނީ 'ފުޑް ސެކިއުރިޓީ' ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާއިން މަސައްކަތްކުރާ ރަށްރަށަށް އިސްކަންދީ، ރާއްޖެއަށް އިންވެސްޓްމަންޓް ގެނެސް، ކުރިއަށް އޮތް ދެތިން އަހަރަށް ކުރާ މަސައްކަތުން ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދޭނެ ގޮތް ޤާއިމުވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން ބޭނުންވަނީ ދިވެހިންނަކީ ހުރިހާ މާނައެއްގައި ފުދުންތެރި، މިނިވަން، އަމިއްލަ ފައިމައްޗަށް ތެދުވެފަތިބި ރައްޔިތަކަށް ހަދަން ކަމުގައެވެ. އަދި އެކަން ހާސިލްވާނީ އުމްރާނީ، އިޤްތިޞާދީ، އަދި އިޖުތިމާޢީ ތަރައްޤީގެ ގޮތުން ފުދުންތެރިކަން ހާސިލްކުރެވުމާއެކު، އެހެން ބައެއްގެ އަތް މަތީގައި ޤައުމުގެ ކަންކަން ނިންމަން އޮންނަ އޮތުން ބަދަލު ކުރެވުނު ދުވަހަކުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ސަރުކާރުން މަސައްކަތްކުރަނީ އެ މަގުން ކަންތައްތައް ގެންދެވުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވަޢުދަށް އިޙްތިރާމުކުރާނެކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ ރ އަތޮޅުގައި ރައްޔިތުން އެދޭކަހަލަ އެއާޕޯޓެއް ޤާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުވައިލައްވައި އެމަނިކުފާނު ވިދާޅުވީ އިޤްތިޞާދީ ގޮތުން އެތައް ވަޒީފާއެއް އުފެދި ސަރުކާރަށް، ދައުލަތަށް، އަދި ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި ހޯދަންޖެހޭ އާމްދަނީ އެކަމުގެ ސަބަބުން އެތައް ގޮތަކުން އިތުރުވެގެންދާނެކަމުގެ ޔަޤީންކަން އެބައޮތްކަމުގައެވެ.

ރ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރ. ދުވާފަރު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ އިޤުތިޞާދު ހަރުދަނާކޮށް މާލިއްޔަތު ރަނގަޅުކުރުމަށް ޓެކްސް ލިބޭ މަގުތައް އިތުރަށް ފަހިކުރެވޭނެކަމަށާއި އެގޮތުން ރައްޔިތުންނަށް އެހީދީގެން ރާއްޖޭގައި ވިޔަފާރިތައް އިތުރުކޮށް ޓެކްސް ލިބޭނެ އިތުރު މަގުތައް ހޯދުމަށް ސަރުކާރުން މަސައްކަތްކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަކީ ފުދުންތެރި އަނެކާއަށް ބަރޯސާނުވެ ދިރިއުޅެވޭނެ ބަޔަކަށް ވާނެކަމަށްވެސް ވިދާޅުވިއެވެ.

މިއަދު އޮންލައިން