އަލިފުށީ އެއަރޕޯޓް މަޝްރޫޢާއެކު ސިނާޢީ ސަރަޙައްދެއް ތަރައްޤީކޮށްދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން އަލިފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އަލިފުށި ސުކޫލުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ރަށުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ، އަލިފުށީ އެއަރޕޯޓްގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށެވެ. އަދި ރައްޔިތުން އެދޭ ބާރު ސްޕީޑްގައި މި މަސައްކަތް ގެންގޮސް، ރައްޔިތުންގެ އުއްމީދުތައް ޙާސިލްވާ މަޝްރޫޢަކަށް އެއަރޕޯޓް މަޝްރޫޢު ހައްދަވައިދެއްވާނެކަމަށެވެ. މި ޕްރޮޖެކްޓާ އެކީގައި ރަށުގެ އިޤްތިޞާދީ ފުރުޞަތު އިތުރުކުރުމަށް ބިން އިތުރަށް ހިއްކާ ރަށުގައި ސިނާޢީ މަސައްކަތްތައް އިތުކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ "އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރެދޭން" ކަމަށާއި މި ސަރުކާރު ހަވާލުވާތާ ފުރަތަމަ 14 ހަފްތާ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ހުރިހާކަމެއް ފުރިހަމަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިއްޔެ ތަޢާރަފުކުރި އެއަރ އެމްބިއުލާންސާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންނަށް އަމިއްލައަށް މި ޚިދުމަތް ދެވޭނެ ގޮތް މިކަމުގެ ސަބަބުން ހަމަޖެހިގެން ދާނެކަމުގައެވެ. މީގެ އިތުރުންވެސް، މި ސަރުކާރުން، ދެން ހުރި ކަންކަމުގައިވެސް އަމިއްލަ ފައިމައްޗަށް ތެދުވެވޭތޯ މަސައްކަތްކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަށާފައިހުރި މަޝްރޫޢުތައް ނިންމުމުގައި ހުރި ހުރަސްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ މިއަހަރަށް ފާސްކޮށްފައި ހުރީ ގިނަ މަޝްރޫޢުތައް ނިންމެވޭވަށް ވުރެ މާ ކުޑަ ބަޖެޓެއް ދީގެން ކަމަށެއެވެ. އެހެންނަމަވެސް އިތުރު ގޮތްތައް ހޯއްދަވައިގެންވެސް ރަށްރަށުގެ ތަރައްޤީއަށް ފަށާފައި ހުރި މަޝްރޫޢުތައް ނިންމަވައި، އަދި އިތުރަށް މި ސަރުކާރުންވެސް ރަށްރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެފައިވާ ކަންކަންވެސް ކޮށްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
އަލިފުއްޓަކީ، ރައީސުލްޖުމްހޫރިއްޔާ މާޅޮސްމަޑުލު އުތުރުބުރިއަށާއި ދެކުނުބުރިއަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ފުރަތަމަ މަންޒިލެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި އެމަނިކުފާނު މި ދެއަތޮޅުގެ އަތޮޅު ކައުންސިލާއި، ދެ އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.