ހުޅުމާލެ ފޭސް 2 ގައި ބިނާ ކުރި 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް އަންނަ ހަފްތާގައި ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އަމިއްލަ ފަރާތަކުން ބިނާ ކުރާ މި މިސްކިތަކީ މިހާރު ފޭސް 2 ގައި ބިނާ ކުރަމުންދާ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މިސްކިތްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ.