ދަރިން ގާތުގަ ނަމާދަށްދާން، ޤުރްއާން ކިޔަވަން، ފާފަ ނުކުރަން ބުނެފަ އެކަންކަން ނުކުރާ މައިންބަފައިންނަކީ "އަލިފާނުގެ ކަތުރަކުން އެމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރާނެ" ބައަކަށް ނުވާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
ދަރިން ގާތުގަ ނަމާދަށްދާން، ޤުރްއާން ކިޔަވަން، ފާފަ ނުކުރަން ބުނެފަ އެކަންކަން ނުކުރާ މައިންބަފައިންނަކީ "އަލިފާނުގެ ކަތުރަކުން އެމީހުންގެ ތުންފަތްތައް ކޮށައި ކުދިކުރާނެ" ބައަކަށް ނުވާނެތަ؟

ހެޔޮކަންތައްތައް ކުރުމާއި ފާފަނުކުރަން ބުނުމުގެ ވާހަކަ ދެކެވޭއިރަށް ޢާންމުގޮތެއްގައި ގިނަ ބައެއްގެ ވިސްނުމަށް އަންނާނީ ޢިލްމުވެރިންގެ ވާހަކައެވެ. ޙަޤީޤަތަށް ބަލައިފިނަމަ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ހެޔޮކަންކަން ކުރަން އަމުރުކޮށް ފާފަ ނުކުރަން ކޮންމެވެސް ބައެއްގެ ގާތުގައި ބުނާ މީހެކެވެ. 

މިގޮތުން ބަލައިފިނަމަ މައިންބަފައިންނަކީ ހެޔޮކަންކަން ކުރުމަށާއި ފާފަތައް ނުކުރަން އެމީހުންގެ ދަރިންނަށް އަމުރުކުރާ ބައެކެވެ. ނަމާދުކުރަން ބުނެއެވެ. ނަމާދަށް މިސްކިތައްދާން ބުނެއެވެ. ޤުރްއާން ކިޔަވަން ބުނެއެވެ. އަދި އެއްވެސް ނުބައި ޢަމަލެއް ނުކުރަންވެސް ބުނެއެވެ. 

އަޅުގަނޑުގެ ސުވާލަކީ ދަރިންނަށް އެކަންކަމަށް އަމުރުކުރާ މައިންބަފައިންގެ ތެރެއިން އެކަންކަމަށް ޢަމަލުކުރަނީ ކިތައް މައިންބަފައިން ހެއްޔެވެ؟ ފަރުޟު 5 ނަމާދަށް ރައްކައުތެރިވަނީ ކިތައް މައިންބަފައިން ހެއްޔެވެ؟ ދަރިންނަކީ ޤުރްއާނަށް މޮޅުކުދިން ކަމަށް ހަދަން ޚަރަދުކޮށްގެން ޤުރްއާން ކްލާސްތަކަށް ދަރިން ގެންދާ މައިންބަފައިންގެ ތެރެއިން ކިތައް މައިންބަފައިން ޤުރްއާން ކިޔަވާހެއްޔެވެ؟ 

މިބަޔާންކުރި ކަންކަމަށް ވިސްނުމާއިއެކު ކުރީ ހަފްތާގެ ޚުޠުބާގައި ކިޔައި އެންމެން އަދި ރަނގަޅަށް ހަނދާންހުންނާނެ މިބަސްފުޅަށް ވިސްނައިލާށެވެ! އެއަށްފަހު އަމިއްލަ ނަފްސާއި ސުވާލުކޮށް ތިމާގެ ޙާލު ދެނެގަންނާށެވެ! 

"އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގައި ބައެއް މީހުންކުރާ ކުށްފާފަތަކަށް މާތް ﷲ ކަނޑައަޅުއްވާފައިވާ ޢަޛާބުގެ މަންޒަރުތަކެއް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެއްކެވިއެވެ. އޭގެތެރެއިން އެއްބައަކީ އަލިފާނުގެ ކަތުރުތަކަކުން އެބައިމީހުންގެ ތުންފަތްތައް  ކޮށައި ކުދިކުރަމުންދާ  ބައެކެވެ. އެއީ ކޮން ބައެއްތޯ  ސުވާލު ކުރެއްވުމުން ޖިބްރީލުގެފާނު ވިދާޅުވީ، އެއީ މީސްތަކުންނަށް ހެޔޮ ކަންތައް ކުރުމަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާ އިރު އެމީހުންގެ އަމިއްލަ ނަފުސުތަކުގެ މަތިން ހަނދާން ނައްތާލައިފާވާ މީހުން ކަމުގައެވެ."

 

މިއަދު އޮންލައިން