އިންތިހާބު ފަސްކުރާ ބިލް ގާނޫނުއަސާސީ އާއި ހިލާފު ނޫން ކަމަށް ބަންޑާރަނައިބު ލަފާ ދެއްވައިފިނަމަ ވަގުތުން ތަސްދީގު ކުރާނަން: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އިންތިހާބު ފަސްކުރާ ބިލް ގާނޫނުއަސާސީ އާއި ހިލާފު ނޫން ކަމަށް ބަންޑާރަނައިބު ލަފާ ދެއްވައިފިނަމަ ވަގުތުން ތަސްދީގު ކުރާނަން: ރައީސް

އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ގާނޫނުއަސާސީ އާއި ހިލާފު ނޫން ކަމަށް ބަންޑާރަނައިބު ލަފާ ދެއްވައިފިނަމަ ވަގުތުން ތަސްދީގު ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނ. ކެނދިކުޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވިވާހަކަފުޅުގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80ކަމަށް ކަނޑައަޅައިގެން ނިންމާ ކޮންމެ ނިންމުމަކީ ޤާނޫނު އަސާސީއާ ޚިލާފު ނިންމުމެއްކަމަށް ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމްކުރައްވާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ޙުކުމްކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 87 ކަމަށެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ތަސްދީގުކުރައްވަން ފޮނުވި ބިލް ފާސްކުރީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު 80ކަމަށް ބަލައިގެން ކަމަށް ވާތީ އެ ނިންމުމުގެ ޤާނޫނީ ޙައިސިއްޔަތާމެދު ސުވާލު އުފެދޭކަމަށް ރައީސް ވިދާޅުވިއެވެ.

"ސުޕްރީމް ކޯޓުން ނިންމި ނިންމުމާ ޚިލާފަށް މަޖިލީހުން ބިލު ފާސްކޮށް ފޮނުވި ނަމަވެސް، ތަސްދީގުކުރުމަށް ބަންޑާރަ ނައިބު ލަފާ ދެއްވައިފިނަމަ ވަގުތުން ތަސްދީގު ކުރާނަން. އެއީ އެތައް ރައްޔިތުންނެއްގެ ހައްގެއް މީގައި އެކުލެވޭ. އަޅުގަނޑު ވަރަށް ސަމާލުކަން ދޭން ބޭނުން އަބަދުވެސް ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ކަންތައްތައް ކުރަން. ގާނޫނުއަސާސީ ހަދަނީ ގާނޫނުތައް ހަދާފައި ހުންނަނީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ހެވާއި ލާބައަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގާނޫނުއަސާސީއާ ހިލާފަށް "ހަމަ އެއްކަމެއް ވެސް ނުކުރާނަން" ކަމަށާއި ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރައްވަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅުވީ ރޯދައިގެ ކުރިން އިންތިހާބު ބޭއްވުމަށެވެ. ނަމަވެސް ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ގާނޫނު އިސްލާހުކުރަން މަޖިލީހުން ބޭނުން ނުވީ ކަމަށާއި އެ ސަބަބު ސާފުކޮށްދޭން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

 

މިއަދު އޮންލައިން