ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެއާ އެމްބިއުލާންސް ބައްލަވާލައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 32ސ
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އެއާ އެމްބިއުލާންސް ބައްލަވާލައްވައިފި

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، އަންނަ މަހުގައި ހިދުމަތްދޭން ފަށަން ތައްޔާރުވަމުން އަންނަ އެއާ އެމްބިއުލާންސްގެ ހިދުމަތަށް ރާއްޖެއަށް ގެނައި ބޯޓުތައް ބައްލަވާލައްވައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަދައިގެން ގޮތަށް އެއާއެމްބިއުލާންސްގެ ހިދުމަތް ފެށުމަށް މިހާރު ގެންނަން ޖެހޭ ބޯޓުތައް ވަނީ ރާއްޖެ ގެނެސްފައި ކަމަށެވެ. އެ ބޯޓުތައް މިއަދު ޓްރާންސްޕޯޓް މިނިސްޓަރު ވަނީ ބައްލަވާލައްވާފައެވެ.

އެއާ އެމްބިއުލާންސްއަށް ބޭނުންވާ ބޯޓުތައް ރާއްޖެ ގެނެސްފައިވާ ކަމަށް ބުނާ އިރު، އެއާ އެމްބިއުލާންސެއްގެ ގޮތުގައި ވަނީ މޯލްޑިވިއަންގެ ޑޭޝް8އެސްގެ ފްލައިޓެއް ބަދަލުކޮށްފައެވެ. އެއާއެކު މޯލްޑިވިއަނުން ވަނީ އެ އެއާލައިންގެ ފްލީޓްތައް އާ ކުރަން އޭޓީއާރްގެ ފްލައިޓްތައް ރާއްޖެއަށް ގެންނަން ފަށާފައެވެ. މޯލްޑިވިއަންގެ ފްލީޓް ބަދަލުކުރަން ނިންމާފައި މިވަނީ ފްލީޓް ޓްރާންސިޝަންގެ ދަށުން މޯލްޑިވިއަން އިން މީގެ ކުރިން ބޭނުން ކުރަމުން އައި އުމުރުން ދުވަސްވީ ޑޭޝް8އެސްގެ މުޅި ފްލީޓްގެ ބަދަލު ކުރުމުގެ ގޮތުންނެވެ. .

ރާއްޖެއަށް އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވެފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ބަލި މީހުން އުފުލުމަކީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ބަލި މީހުން އުފުލުމުގައި އޮތް ދަތިކަން ހައްލުކޮށް ދެއްވުމަށް އެއާ އެމްބިއުލާންސް ތައާރަފް ކުރަން ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވަނީ ކެމްޕެއިން ތެރޭގައި ވިދާޅުވެފައެވެ.

 

މިއަދު އޮންލައިން