17 މާރިޗުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާނެކަމުގެ އިޝާރާތެއް ރައީސް ޑރ މުއިއްޒު ކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 31ސ
17 މާރިޗުގައި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާނެކަމުގެ އިޝާރާތެއް ރައީސް ޑރ މުއިއްޒު ކުރައްވައިފި

ކުރިއަށް މިއޮތް މާރިޗުމަހުގެ 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބާއްވާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވައިފިއެވެ.

ރައީސް ޑރ މުއިއްޒު ނ ހޮޅުދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތައުލީމީ ނިޒާމަށް އިތުރު ތަރައްގީ ގެނެސްދެއްވުމަށް ދަނާލަކާއި ޔުނިވަރސިޓީ ކެމްޕަސް އެއް ގާއިމުކުރެއްވުމުގެ އުފާވެރި ހަބަރު ދެއްވުމަށްފަހު ވިދާޅުވީ ސަރުކާރަށް އެކިކަހަލަ ދަތިތައް ކުރިމަތިވާކަމަކީ އޮޅިފައި އޮތް ކަމެއް ނޫންކަމެއްކަަމަށާއި މިރާއްޖޭގައި ތިން ބާރު އޮންނައިރު ފެންނަނީ ޝަރުއީ ދާއިރާގެ މައްޗަށް، އެއީ ސުޕްރީމްކޯޓުގެ ނިންމުމެއްކަމުގައި ވީނަމަވެސް މަޖިލިހުން ބާރުފޯރުވާތަން ކަމަށެވެ.

ރައީސް ވިދާޅުވީ އެއްބައެއްގެ މައްޗަށް ބާރުގަދަ އެހެންބަޔަކު އަންގާ އެންގުމަކަށް އޮޕަރޭޓުކުރާ ބޭނުން ގޮތަކަށް ވޯޓު ދިނުމުގައި ތަބާވާ އަޅުންތަކެއްގެ ގޮތުގައި ތިބޭ މެންބަރުންތަކެއް މަޖިލިހަށް ވެއްދުމަކީ އެއީ މިދިޔަ 3 މަސް ދުވަހުގެ ތެރޭގައި ފެނުނު މަންޒަރު ތަކުރާރުވެ ދުވަަހަކުވެސް އަނބުރާ އިއާދަނުކުރެވޭނެ ހިސާބަކަށް މިގައުމުގެ ކަންކަންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން މިކަންކަމާ މެދު ވިސްނާލުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

"އިރާދަކުރެއްވިއްޔާ މުސްތަގުބަލް އޮތީ އުޖާލާކޮށް ދިވެހި ރައްޔިތުންނަކީ ހެޔޮވިސްނޭ ރައްޔިތުން، ތައުލީމީ ރައްޔިތުން. މިރަށުގައި ހުރެ މިވާހަކަ ދެއްކުމުގައި އަޅުގަނޑަށް ވަރަށް ހިތްހަމަޖެހުން ލިބޭ، ތައުލީމަކީ އެނގުމާ ނޭނގުމަކީ މުހިންމު ތަފާތެއް އޭގެއިން ދައްކުވައިދޭ ކަމެއް، އަޅުގަނޑުމެންގެ ގައުމުގެ މުސްތަގްބަލް ބިނާކުރުކުރުމުގައި އަޅުގަނޑުމެންނަށް ލިބޭ ތައުލީމެއްގެ މައްޗަށް ބިނާކޮށް އަޅުގަނޑުމެން ގޮތްގޮތް ނިންމުމަކީ ކޮންމެހެން މުހިންމުކަމެއް، އެހެންވީމާ، ގަައުމުގެ މުސްތަގުބަލް ބިނާކުރުމަށްޓަކައި ތިބޭފުޅުން އަތްމައްޗަށް މި އަންނަނީ ވަރަށް މުހިންމު ޒިންމާއެއް އަދާ ކުރުމުގެ ދުވަސް." ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ. އަދި ދެން އެމަނިކުފާނު ވިދާޅުވީ މާރިޗުމަހުގެ 17 ވަނަ ދުވަހު އޮންނަ އިންތިހާބުގައި އެދުވަހު ލާ ވޯޓުގައި ރައްޔިތުން އެމަނިކުފާނު އެވިދާޅުވި ކަންކަމަށް ވިސްނައި ވޯޓުދެއްވުމަށެެވެ.

"17 މާރިޗުގައި އޮންނަ އިންތިހާބުގައި އެދުވަހު ލާ ވޯޓުގައި ތިބޭފުޅުން ނިންމައިދެއްވަންވީ މިދެންނެވި މުސްތަގުބަލް، އަޅުގަނޑު ޔަގީންކުރަނީ ސަރުކާރުން ރައްޔިތުންނަށްޓަކައި ރައްޔިތުންއެދޭ ގޮތަށް ރައްޔިތުން އެދޭ އަމާޒަށް މިގައުމު ގެންދިއުމަށް ކުރާ މަސައްކަތުގައި ރައްޔިތުން އަތުކުރި އޮޅާލައިގެން ނުކުމެ ސަރުކާރާ އެކުގައި ކުރިއަށް ވަޑައިގަންނަވާނެކަމަށް، އެކަމުގައި އަޅުގަނޑުގެ ޝައްކެއްނެތް،" މިވާހަކަފުޅުގައި ރައީސް މިވަނީ މާރިޗުމަހު 17 ވަނަ ދުވަހު އިންތިހާބު އޮންނާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ރައީސް ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކޮށްފައި ވަނިކޮށެވެ.

 

މިއަދު އޮންލައިން