އަމިއްލަ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ހޭދަކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 30ސ
އަމިއްލަ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ހޭދަކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމިއްލަ ގެކޮޅު މ. ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ހޭދަކުރި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އެމަނިކުފާން ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ށ. ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. ނަޖުމާ ސުވާލުކޮށްފައިވަނީ ރައީސް އަމިއްލަ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުންނެވެ.

އެގޮތުން އެމަނިކުފާނު އަމިއްލަ ގެކޮޅު ދިމްޔާތުގައި ހުންނެވި ދުވަސްކޮޅު 25 މިލިއަން ރުފިޔާ ދައުލަތުން ހަރަދު ކުރި ވާހަކައަކީ ދޮގެއް ކަަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ގެކޮޅުގައި ހުންނެވީ އަމިއްލައަަށް ހަރަދު ކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނާއި އަނބިކަނބަލުންގެ ފަރީއްކުޅުވުމުގެ ޚަރަދަށް 100 ދުވަހުގެ ތެރޭގައި 30 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ އެއީ ބުއްދި ގަބޫލުކުރާ ވާހަކައެއް ނޫންކަމަށެވެ. އެގޮތުން، މުލިއާގޭގައި ކެއުމުގެ ޚަރަދަށް ވެސް އަހަރަކު ހޭދަކުރަން ޖެހެނީ 7 ލައްކަ ރުފިޔާ ކަމަށާއި އެފަދަ ހަގީގަތާ ޚިލާފު ޚަބަރު ފަތުރަނީ ސަރުކާރާ ދެކޮޅަށް ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަގީގަތާ ޚިލާފު ޚަބަރުތައް ފެތުރުން ފަހަކަށް އައިސް އިތުރުވެފައިވާކަން ފާހަގަކުރައްވައި އެކަމަށް ސަމާލުވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން