ރާއްޖޭގެ އުސް އިމާރާތްތައް ބެލެހެއްޓުމަށް ތަމްރީން ލިބިފައިވާ މީހުން ބޭނުންވާކަމަށް ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.
އިމާރާތްތަކާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ސްޓްރާޓާ މެނޭޖްމަންޓް ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ އުސް އިމާރާތްތަކުގައި މީހުން ދިރިއުޅެމުން ދިޔަ ނަމަވެސް އެ އިމާރާތްތަކުގެ މެއިންޓަނަންސްގެ މަސައްކަތަށް ޒިންމާވާނެ ބަޔަކު ނެތް ކަމަށެވެ. ހެންކަމުން މުސްތަގްބަލުގައި އިމާރާތްކުރުމާ ބެހޭ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކޯހަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މަތީ ތަޢުލީމާއި މަސްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ.
މިނިސްޓަރ ވިދާޅުވީ އިމާރާތްކުރުމާބެހޭ ދާއިރާގެ އެކި ލެވެލްގެ ކޯސްތައް ކުރިއަށް އޮތްތަނުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.